ޚަބަރު

އެމްޑީޕީން ރީ-ރަޖިސްޓްރޭޝަނަށް ދިހަހާސް ފޯމް ހުށަހަޅާފައެއް ނުވޭ


އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބުގެ ރީ-ރެޖިސްޓްރޭޝަނަށް ދިހަހާސް ފޯމް ހުށަހަޅާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.
ރީ-ރެޖިސްޓްރޭޝަން އާ ގުޅޭގޮތުން އެމްޑީޕީން ދައްކަމުންދާ ވާހަކަތައް ދޮގުކޮށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރީ-ރެޖިސްޓްރޭޝަނަށް ދިހަ ހާސް ފޯމް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރީ-ރެޖިސްޓަރ ކުރުމުން ދޭ ސްލިޕްގެ އޮރިޖިނަލް ކޮޕީ ނުދީ ހިފަހައްޓާފައިވާކަމަށްބުނެ ދައްކާ ވާހަކައަކީވެސް ދޮގު ވާހަކައެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބައެއް ފަހަރު ރީ-ރެޖިސްޓަރ ވުމަށް ގިނަ އަދަދެއްގެ ފޯމް އެއްފަހަރާ ހުށަހެޅުމުން ސްލިޕް ދޫކުރުމުގައި ލަސްވުމެއް އުޅެދާނެ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ފަރާތަކަށް ރީ-ރެޖިސްޓްރީ ވުމުން ދޭން ޖެހޭ ސްލިޕް ދޫނުކޮށް ހިފަހައްޓާފައި ނުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ރީ-ރެޖިސްޓްރޭޝަނަށް އެކި ފަރާތްތަކުން ހުށަހަޅާފައި ވަނީ ޖުމްލަ ހަތާވީސްހާސް ފޯމް ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ވޯޓްލުމަށް ރީ-ރެޖިސްޓަރ ވުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.