ޚަބަރު

ޗެނަލް 13ގެ ނޫސްވެރިޔަކަށް ބިރުދެއްކި މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައިފި


ޗެނަލް ތޭރައިގެ ނޫސްވެރިޔަކަށް އިދިކޮޅު ފަރާތްތަކުން ބިރުދެއްކިކަމަށް ބުނެ އެކަމާމެދު ފިޔަވަޅު އެޅުމަށް އެ ސްޓޭޝަނުން ގޮވާލައިފިއެވެ.
ޗެނަލް ތޭރައިން މިއަދު ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންނާއި ހަމަޔަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ޗެނަލް 13 ގެ ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތަށް ބައެއް ފަރާތްތަކުން ހުރަސް އަޅާ ނޫސްވެރިންނާއި މުވައްޒަފުންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ހިނގާފައިވާ ކަމެއް އޮޅުން ފިލުވުމަށް ކުރި ސުވާލަކާ ގުޅިގެން، ޗެނަލް ތޭރައިގެ ނޫސްވެރިޔަކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށްބުނެ ބިރު ދެއްކުމަކީ ވަރަށް ފިނޑި އެހާމެ ޒިންމާދާރުކަން ކުޑަ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ސްޓޭޝަނުން ދެކޭ ކަމަށްވެސް ނޫސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ޗެނަލް 13 ގެ ނޫސްވެރިންނަށާއި އެތަނުގެ މުވައްޒަފުންނަށް ކިތަންމެ ވަރަކަށް ބިރު ދައްކާ އިންޒާރު ދިން ނަމަވެސް ރައްޔިތުންނާއި ހަމައަށް ހަޤީޤީ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެސްޓޭޝަނުން ފަސް ނުޖެހޭނެ ކަމަށާއި އެމަސައްކަތަށް ހުއްޓުމެއްވެސް ނާންނާނެކަމަށް ބަޔާނުގައިވެއެވެ.
ޗެނަލް ތޭރައިގެ ނޫސްވެރިޔަކާ ދެކޮޅަށް އަބުރުގެ ދަޢުވާކުރާނެކަމަށް ބުނެ ބިރުދައްކާފައިވަނީ މަޖިލީހުގެ ގޮނޑިގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަމީތު މެލޭޝިއާއިން ފްލެޓެއް ގަނެފައިވާ ކަމަށް ބުނެ ފެތުރެމުންދިޔަ ވާހަކަތައް އޮޅުން ފިލުވުމަށް ސުވާލުކުރުމުންކަމަށް ޗެނަލް ތޭރައިން ބުނެއެވެ.