ޚަބަރު

2008ވަނަ އަހަރު ވޯޓު އޮޅުވާލިޔަސް މިފަހަރު ވޯޓު އޮޅުވައެއް ނުލެވޭނެ: ޕީޕީއެމް


ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލައިގެން އެމްޑީޕީން ކާމިޔާބުކުރި ގޮތަށް މިއަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލައިގެން ކާމިޔާބު ނުކުރެވޭނެ ކަަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްއިން މިއަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ އެންމެ އިންސާފުވެރި އަދި އެންމެ ދެފުށް ފެންނަ އިންތިޚާބަށް ވެގެންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"ބައްލަވާ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން މިއަދާއި ހަމައަށް އައިސްފައިވާ އެއްވެސް އިންތިޚާބެއްގައި އެބޭފުޅުން އެ ތުހުމަތު ނުކުރައްވާ އެއްވެސް އިންތިޚާބެއް އެބައޮތްތޯ. ނާންނާނެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ އެބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް އަތުވެއްޖިއްޔާ އިލެކްޝަންސް ކޮމިޝަނަށްވުރެ ރަނގަޅު ކޮމިޝަނެއް ނޯންނާނެ. އެ އިންތިޚާބަށްވުރެ މިނިވަން އިންތިޚާބެއްވެސް ނޯންނާނެ. އިންސާފުވެރި އިންތިޚާބެއްވެސް ނޯންނާނެ. މިއީ މިހާތަނަށް މިކަން ހިނގާފައި އޮތްގޮތް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ 2017ވަނަ އަހަރުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ގިނަ ގޮނޑި ލިބުމުން އިލެކްޝަންސް ކޮމިޝަނުވެސް ރަނގަޅުވެގެން ދިޔަ ކަމަށާއި އިންތިޚާބުވެސް ހިނގާދިޔަގޮތް ރަނގަޅުވި ކަމަށެވެ. ނަމަވެސް އިންތިޚާބު ބޭއްވި ދުވަހާއި ހަމައަށްވެސް ލޯކަލް ކައުންސިލް އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށާއި ސަރުކާރުން ވޯޓު އޮޅުވާލާނެ ކަމުގެ ތަފާތު އެކި ތުހުމަތުތައް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިޒަމާނުގައި ކިހިނެއްތޯ ވޯޓު އޮޅުވާލަނީ. ފުރަތަމަ ކަމަކަށް ވިސްނާލަމާތޯ ވޯޓު ފޮށި މިހުންނަނީ ފޮނަދޫ ފޮށި މިހުންނަނީ ފޮނަދޫގައި. ފޮނަދޫ ރައްޔިތުންގެ ކުރިމަތީގައި އެތާ މަރުކަޒުގައި ވޯޓުލާ ނިމުމާއި އެކީގައި ދެފަރާތުގެ ކެންޑިޑޭޓުންގެ މަންދޫބުން ވެގެން މީޑިއާ ތިބެގެން ވޯޓު މިގުނަނީ. ދެން ކިހިނެއްތޯ ވޯޓު އޮޅުވާލާނީ. ކުޑަކުދިން ދައްކާކަހަލަ ވާހަކަ މި ދައްކަނީ. 2008ވަނަ އަހަރުގައި ވޯޓު އޮޅުވާލި ވާހަކަ އަޅުގަނޑުމެން އަޑުއެހީމު އެމްޑީޕީ. އެބޭފުޅުންގެ ކޮންމެވެސް ސާބެ ކިޔާ ބޭފުޅަކު އެތާނގައި ހުންނަވައިގެން ވޯޓު އޮޅުވާލި ވާހަކައެއް އަޅުގަނޑުމެން އަޑުއަހަމު،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން އަންނައިރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އިލެކްޝަނުން ވަނީ ހުޅުވާލައިފައެވެ. އަދި މި މަހުގެ 18ވަނަ ދުވަހު ކެންޑިޑެސީ އިޢުލާން ކުރާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.