ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދާ 600 ޙައްޖުވެރިން ފުރަން ތައްޔާރުވެއްޖެ


ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 600 މީހުން މިއަހަރު ޙައްޖު ފުރުމަށް ހަމަޖެހިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖުގެ އަޅުކަމަށް މީހުން ފުރަން ފަށާފައިވާއިރު، ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށް ދާާ 600 މީހުން ފުރަން ތައްޔާރުވެފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހާއި 12 ވަނަ ދުވަހު ގައެވެ.

ސަޢުދީ އަރަބިއްޔާ އިން ރާއްޖެއަށް މިފަހަރު ދީފައިވަނީ 1000 ޙައްޖު ކޯޓާއެވެ. މީގެތެރެއިން އެންމެ ގިނަ މީހުން ޙައްޖަށް ދަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ބައެއް ގުރޫޕްތަކުން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. މީގެތެރޭގައި ހިމެނެނީ ޒައީ ގުރޫޕާއި، އަލްޙަރަމައިން ގުރޫޕްގެ އިތުރުން ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިންނެވެ.

ސަޢުދީ އަރަބިއްޔާގެ މައްކާގައި ހުންނަ ދިވެހި ޙައްޖު މިޝަންގެ އޮފީހުން ބުނީ، ޒައީ ގުރޫޕްގެ ޙަވާލުގައި ދިޔަ 88 މީހުން މިހާރު ތިބީ މަދީނާގައި ކަމަށާއި އެމީހުން އެނބުރި މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ. އަލްޙަރަމައިން ގުރޫޕްގެ ޙަވާލުގައި ދިޔަ 100 މީހުން މާދަމާ މަދީނާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ޙައްޖު މިޝަންގެ އޮފީހުން ބުނެއެވެ. އަދި ސިސިލްފަރު ގުރޫޕްގެ ޙަވާލުގައި ދިޔަ 100 ޙައްޖުވެރިންވެސް މިވަގުތު ތިބީ މައްކާގައި ކަމަށް ޙައްޖު މިޝަންގެ އޮފީހުން މަޢުލޫމާތު ދެއެވެ.