ޚަބަރު

އަންނަބީލާ މަރިޔަމް ސަޢީދުގެ ހަނދާނުގައި ޚާއްޞަ ޅެންފޮތެއް ނެރެފި


ދިވެހި ޅެންވެރިކަމަށް ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްޙޫމާ އައްނަބީލާ މަރިޔަމް ސަޢީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީއިން ތައުބީންގެ ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާގައިވަނީ އަލްމަރްޙޫމް އަންނަބީލާ މަރިޔަމް ސަޢީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީއިން ތައްޔާރުކުރި ޚާއްޞަ ޅެންފޮތެއްވެސް ނެރެފައެވެ. މި ފޮތް ނެރެދެއްވީ ޑިފެންސްމިނިސްޓަރ ޢާދަމް ޝަރީފް އުމަރެވެ.

އައްނަބީލާ މަރިޔަމް ސަޢީދު އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ އޭނާ ލިޔުންވި ޅެން "އަސްރު ދިޔައީ ގެއްލިގެން" މި ޅެމުންނެވެ. ޅެންވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި މަރިޔަމް ސަޢީދު އެންމެ ފުރަތަމަ ޅެމެއް ހައްދަވާފައިވަނީ އުމުރުން 14އަހަރުގައެވެ. އޭނާވަނީ ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ޅެން ހައްދަވާފައެވެ. ޅެންވެރި ޢާއިލާއަކަށް އުފަން މަރިޔަމް ސަޢީދަކީ ދިވެހި އަދަބިއްޔާތުގެ ބައްޕަގެ ގޮތުގައި ސިފަކުރައްވާ އަޝައިޙް ޙުސައިން ސަލާހުއްދީންގެ ދަރިކަނބަލެކެވެ.

އައްނަބީލާ މަރިޔަމް ސަޢީދުގެ ހަނދާނުގައި ބަހުގެ އެކެޑަމީއިން ބޭއްވި ތައުބީންގެ ޖަލްސާގައި ޑިފެންސްމިނިސްޓަރ ޢާދަމް ޝަރީފް އުމަރާއި، އެޑިއުކޭޝަން މިނިސްޓަރ އައިޝަތް ޝިހާމްއާއި، ދިވެހި ބަހުގެ އެކެޑަމީގެ ރަޢީސް އަޝްރަފް ޢަލީގެ އިތުރުން މަރިޔަމް ސަޢީދްގެ އާއިލާގެ ބޭފުޅުންނާއި، ޅެންވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ އައްނަބީލާ މަރިޔަމް ސަޢީދަކީ ކޮންމެ މީހަކުވެސް މިސާލު ލިބިގަންނަންޖެހޭފަދަ ހިތްވަރުގަދަ ކަނބަލެއްކަމަށެވެ. އެގޮތުން ދިރިއުޅުމުގައި ދިމާވި އެތައް ނުތަނަވަސް ޙާލަތަކާއި ސާބިތުކަމާއި ހިތްވަރާއެކު ކުރިމަތިލެއްވި ކަނބަލެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި އެކަމަނާގެ ޙަޔާތްޕުޅަށް ތަފްސީލުކޮށް ބައްލަވާލައްވާފައިވެއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މަރިޔަމް ސަޢީދު ދުނިޔެއާއި ވަކިވެގެން ދިއުމަކީ އަދަބިއްޔާތައްއައި ބަނަކަމެއްކަމަށެވެ. އަދި އެކަމަނާއަކީ ހުރިހާ ރޮނގަކުންވެސް ޅެން ހެއްދެވި އިލްމީ ބޭކަނބަލެއްކަން ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި އައްނަބީލާ މަރިޔަމް ސަޢީދް ހެއްދެވި ބައެއް ޅެންތައް ހުށައަޅާދީފައިވެއެވެ.

މީގެއިތުރުން އަލްމަރްޙޫމާ އައްނަބީލާ މަރިޔަމް ސަޢީދުގެ ހަނދާނުގައި ދިވެހި ބަހުގެ އެކެޑަމީއިން ބޭއްވި ތަޢުޒިޔާގެ ފޮތުގެ ކޮޕީއެއްވެސް މި ޖަލްސާގައި ވަނީ ޢާއިލާއާއި ހަވާލުކޮށްފައެވެ. އައްނަބީލާ މަރިޔަމް ސަޢީދު އަވަހާރަވެފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 26 ވަނަ ދުވަހުއެވެ.