ޚަބަރު

ރައީސް ޔާމީންގެ ޒަޢާމަތުގައި ޒުވާނުންގެ ކުށުގެރެކޯޑް ވަނީ ދަށްވެފައި - ޔޫތް މިނިސްޓަރ


ވޭތުވެދިޔަ ހަތަރު އަހަރާއި ހަތްމަސް ދުވަހުގެ ތެރޭގައި ޒުވާނުންގެ ކުށުގެ ރިކޯޑަށް އައިސްފައިވާ ހެޔޮ ބަދަލަށް ބަލައިލުމުންވެސް ރައީސް ޔާމީންގެ ޒަޢާމަތުގައި ދިވެހި ޒުވާނުންނަށް ދީފައިވާ އަހަމިއްޔަތުކަން ހާމަވެގެންދާކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޒަޢާމަތަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް އައި އެންމެ އުޖާލާ އަދި އެންމެ ފާގަތި ރަން ޒަމާންކަން ފާހަގަކުރައްވައި މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް ގިނަ އިންޤިލާބީ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

ފަންސާސް ރަށެއްގައި މިސަރުކާރުން ހަދާފައިވާ ފުޓްސަލް ދަނޑުތަށް ރަސްމީކޮށް އިފްތިތާޙުކޮއްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައި ބިނާކޮއްދެއްވާފައިވާ ކުޅުވަރުގެ ވަސީލަތްތަކަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ފެންވަރު ރަނގަޅު ޚިދުމަތްތަކެއްކަމަށެވެ.
އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓާރފް ފުޓްބޯޅަ ދަނޑުތަކަކަށް ދަނޑުތައް ބަދަލުކުރުމުގެ އިންޤިލާބީ ބަދަލު ގެނައުމުގެ ވިސްނުން ހާމަކުރައްވައި، އެކަން ކާމިޔާބުކުރެއްވި ހަމައެކަނި ރައީސަކީ ރައީސް ޔާމީންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޔޫތް މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ކުޅިވަރުގެ ވަސީލަތްތައް، އާބާދީގެ ކުޑަބޮޑުމިނަކަށް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރަށްރަށުގައި ރައީސް ޔާމީން ބިނާކުރެއްވުން ވެގެންގޮސްފައިވަނީ އެމަނިކުފާނުގެ ކުޅިވަރުގެ މެނިފެސްޓޯގެ އެންމެބޮޑު އެއް ކާމިޔާބީކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރާއި ހަތްމަސް ދުވަހުގެ ތެރޭގައި ޒުވާނުންގެ ކުށުގެ ރެކޯޑަށް އައިސްފައިވާ ހެޔޮބަދަލަށް ބަލައިލަމުންވެސް ރައީސް ޔާމީންގެ ޒަޢާމަތުން ދިވެހި ޒުވާނުންނަށް ދީފައިވާ އަހަމިއްޔަތުކަން ހާމަވެގެންދާކަން ފާހަގަކުރައްވައި މިނިސްޓަރ އިރުތީޝާމް ވިދާޅުވީ ޒުވާނުންނަށް އެމީހުންގެ ވަގުތު ހޭދަކުރާނެ ހެޔޮ ގޮތްތަށް މިސަރުކާރުން ދައްކައިދީފައިވާކަމަށެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރުން އެކަހެރިކޮށްފައިތިބި ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަށް ފޯރުކޮށްދީ، ލިބޭ ހުސްވަގުތުތަށް ހޭދަކޮށްލުމަށް ތަފާތު ގިނަ ކުޅިވަރުގެ ވަސީލަތްތަށް ބިނާކޮށްދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

ފަންސާސް ރަށެއްގައި އަޅައިފައިވާ ފުޓްސަލް ދަނޑުތަށް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދްލް ޤައްޔޫމާއި، ކެބިނެޓްގެ މިނިސްޓަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ޒުވާނުންވެސް ބައިވެރިވެފައިވެއެވެ.