ޚަބަރު

އިންތިޚާބުގައި ދެވޭ ވޯޓަކީ ރާއްޖޭގައި އިސްލާމް ދީން ބޭއްވުމަށްޓަކާ ދެވޭ ވޯޓެއް - ޑރ. މުޢިއްޒު


ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ދެވޭ ވޯޓަކީ ރާއްޖޭގައި އިސްލާމް ދީން ބޭއްވުމަށްޓަކާ ދެވޭ ވޯޓެއް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުޢިއްޒު މިހެން ވިދާޅުވީ ޕީއެސްއެމްއިން އަލަށްފެށި "ތަރައްޤީ އައު ޒަމާނަަކަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ނަގާ ވޯޓަކީ ރާއްޖޭގައި އިސްލާމް ދީން ބޭއްވުމަށްޓަކާ ދެވޭ ވޯޓެއް ކަމަށާއި، އެކަމަށް އެކަނި ވިސްނައިގެން ވޯޓް ދިން ނަމަވެސް ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިޙާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ސެޕްޓެމްބަރު މަހު ނަގާ ވޯޓަކީ ރާއްޖޭގައި އިސްލާމްދީން ބޭއްވުމަށް ނަގާ ވޯޓެއް. އެގޮތަށް އެކަނި ވިސްނައިގެން ވޯޓް ދިނަސް ރައީސް ޔާމީން ވޯޓް ކާމިޔާބު ކުރައްވާނެކަން ޔަގީން" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ދޭނެކަން ޔަޤީންވާ ކަމަށާއި، ދިވެހި އެއްވެސް ރައްޔިތަކު މި ޤައުމުން އެހެން ދީންތަކަށް ފުރުޞަތު ދޭން ބޭނުންނުވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާއި ގުޅިފައި ހުރީ ކޮންމެވެސް ގޮތަކުން މި ޤައުމުގައި އިސްލާމް ދީން ނޫން އެހެން ދީނެއް ހަރުލެއްވޭތޯ ރެއާއި ދުވާލު ލޮލު ފިޔަ ނުޖަހާ މަސައްކަތް ކުރަމުންދާ ބައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހަމަ ޔަޤީނުންވެސް އިސްލާމް ދީން ނޫން ދީނެއް އެ މީހުންގެ ވެރިކަމެއް އައިސްފިއްޔާ އަންނާނެ. ރައްޔިތުން ބޭނުމެއް ނުވޭ އެ ފުރުޞަތު ދޭކަށް. އެ ބާޭފުޅުންނާއި ގުޅިފައި ތިބީ މި ޤައުމުން އިސްލާމް ދީން ނޫން އެހެން ދީނެއް ކޮންމެވެސް ގޮތަކުން ހަރުލެއްވޭތޯ ރެއާ ދުވާލު ލޮލު ފިޔައެއް ނުޖަހާ ތިބި މީހުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ޤައުމަށް ގެނެސްދޭ ތަރައްޤީއަކީ އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލު ކުރާ ހަޤީޤަތެއް ކަމަށާއި، އެފަރާތްތަކުން އެކަމަށް ދެކޮޅު ނުހަދާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިފިނަމަ އިތުރު އެއްވެސް ދީނަކަށް ފުރުޞަތު ނުދެއްވާނެ ކަަންވެސް އެ ފަރާތްތަކުން ޤަބޫލްކުރާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެއްވެސް ހަމަޖެހޭ ވާހަކައެއް އިދިކޮޅު ފަރާތްތަކަށް ނުދައްކާކަމަށާއި އެއާއެކު ރައީސް ޔާމީން ތަނަވަސް އަޣުލަބިއްޔަތުން އިންތިޙާބު ކާމިޔާބު ކުރައްވާނެތީ އެފަރާތްތަކުން ކަންބޮޑުވާކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.