ޚަބަރު

އީރާނާއެކު މަޝްވަރާކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވިދާޅުވުން


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި މަޝްވަރާކުރެއްވުމަށް އެއްވެސް ޝަރުތެއް ނެތި އީރާނުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލުކުރައްވާނެތޯ ދެންނެވުމުން ޖަވާބުގައި ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ކޮންމެ ފަރާތަކާވެސް ބައްދަލުކުރެއްވުމަށް ތައްޔާރަށް ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ މަޝްވަރާކުރައްވައިގެން ކަންކަން ހައްލުކުރުމަށް ކަމަށެވެ.

ޚާއްޞަ ގޮތެއްގައި، އެ މައްސަލައެއްގެ ސަބަބުން ހަނގުރާމައެއް ކުރަން ޖެހޭ ކަންކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އީރާނާ އެމެރިކާއާ ދެމެދު އޮންނަ ނުތަނަވަސްކަން އިތުރުވެ ދެ ޤައުމުގެ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދެ ޤައުމުގެ ދެމެދު ނުތަނަވަސްކަން އިތުރުވެގެން ދިޔައީ 2015 ވަނަ އަހަރު ޤާއިމުކުރި ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިކުރުމަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް އެމެރިކާއިން ބުނުމާއެކުގައެވެ. 1979 ވަނަ އަހަރު އީރާނަށް ގެނައި އިންޤިލާބަށް އެއް އަހަރު ފަހުން އެމެރިކާއިން އީރާނާ ސިޔާސީ ގުޅުން ކަނޑާލިފަހުން އެމެރިކާގެ ރައީސަކު މިހާތަނަށް އީރާނުގެ ރައީސަކާ ބައްދަލުކުރައްވާފައެއް ނުވެއެވެ.