ޚަބަރު

ދެކުނުއޭޝިއާގެ އެންމެ ބާރަށްކުރިއަރާ އިޤްތިޞާދަށް، ރާއްޖެ ހެދޭނީ ރައީސް ޔާމީނަށް - މިނިސްޓަރ ސަޢީދު


ރާއްޖެފަދަ ވަސީލަތްތަށް މަދު ޤައުމެއް ދެކުނު އޭޝިއާގެ އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިޞާދަށް ހެދުމުގެ ޤާބިލުކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނޫން، ރާއްޖޭގެ އެހެންއެހެން އެއްވެސް ލީޑަރެއްގެ ކިބައިގައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުޙައްމަދު ސައީދުވަނީ މިފަހަރުގެ ރިއާސީ އިންތިޚާބުގެ ވޯޓަކީ މިފަދަ ތަރައްޤީގައި ޤައުމު ފަހަތަށް އަޅާ ފިޔަވަޅަކަށް ނުހެދުމަށް ދިވެހިރައްޔިތުންނަށް ގޮވާލައްވާފައެވެ.

އެމްޕީއެލްގެ "ޕޯޓް ހިޔާ ހައުސިންގ ސްކީމް" ރަސްމީކޮށް އިފްތިތާހްކޮއްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައި ދިވެހި ޤައުމު ދެކެފައިވަނީ ދުވަހަކުވެސް ދިވެހި ޤައުމު ދެކެފައިނުވާވަރުގެ ހަލުވި އަދި ބޮޑެތި ކުރިއެރުންތަކެއްކަމަށެވެ. ރައީސް ޔާމީންގެ ޒަޢާމަތުގައި ރާއްޖޭގެ މަރުކަޒީ ބޭންގެ ރިޒަރވް ތިން ގުނައިން އިތުރުކޮށް 770 މިލިއަނަށް ގެންގޮސްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވޭތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި 200 ޑޮލަރުން 4000 ޑޮލަރަށް، ރާއްޖޭގެ ޢާއްމްދަނީ. ބޮލަކަށް ޖެހޭ ޢަދަދު އިތުރުކޮށްދެއްވާފައިވާއިރު ވޭތުވެ ދިޔަ 4 އަހަރާއި ހަމަސްދުވަހުގެ ތެރޭގައި މި އަދަދު 10200 އަށް އިތުރުކޮށްދެއްވާފައިވުމުން ރައީސް ޔާމީންގެ ޒަޢާމަތުގެ ކާމިޔާބީ ސާބިތުވެގެންދާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

އަދި ދިވެހި ސަރުކާރުގެ ކުންފުނިތަކުން ވޭތުވެދިޔަ މަދު ދުވަސްކޮޅުގައި ހަލުވިކަމާއި އެކު ހޯދާފައިވާ ކުރިއެރުންތަކުގެ ފަހަތުގައިވަނީ އެ ކުންފުނިތަކުގެ ތަރައްޤީއަށް ރައީސް ޔާމީން ދެއްވާ އަހަންމިއްޔަތުކަން ކަމަށާއި، މި ތަރައްޤީ ގެނެސްފައިވަނީ މި ކުންފުނިތަކުން އެންމެ އިންސައްތައެއްގެ ޝެއަރވެސް ވިއްކާލައިގެން ނޫންކަން އިކޮނޮމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެފަދަ ވަސީލަތްތަށް މަދު ޤައުމެއް ދެކުނު އޭޝިއާގެ އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިޞާދަށް ހެދުމުގެ ޤާބިލިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނޫން އެހެންއެހެން އެއްވެސް ލީޑަރެއްގެ ކިބައިގައި ނެތްކަން ފާހަގަކުރައްވައި މިނިސްޓަރ މުޙައްމަދު ސަޢީދުވަނީ ދިވެހި ޤައުމުގެ ރައުސުލްމާލާއި ބިންތަށް ނަހަމަގޮތުގައި ބޭރުގެ ބަޔަކަށް ވިއްކާލާ ބަޔަކަށް ވެރިކަން ޙަވާލުނުކުރުމަށް ދިވެހިރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ސިޔާސީ މަޤުޞަދެއް ޙާސިލުކުރައްވަން ނޫންކަމަށާއި، މި ސަރުކާރުގެ މައިގަނޑު އަމާޒަރަކަށްވީ ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަށް ޙައްލުކުރުންކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެގޮތުން ވޭތުވެ ދިޔަ 4 އަހަރައި ބައިގެ ތެރޭގައި މި މަޤުޞަދުގެ ބޮޑު ބައެއް ޙާސިލުވެފައިވާކަން ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލައިލުމުންވެސް އެނގިންގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.