ސިޔާސީ

ރައީސް ޔާމީނަކީ ޕީޕީއެމަށް އެންމެ އެކަށީގެންވާ ލީޑަރު - ޢަބްދުއްރަޙީމް


ޕީޕީއެމް މިހާރު އޮތީ އެޕާޓީގައި އޮންނަންޖެހޭ ލީޑަރޝިޕާއެކު ކަމަށާއި، ރައީސް މައުމޫންނަށް ދެން ޕީޕީއެމްގައި ޖާގައެއް ނެތްކަމަށް ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ މައްޗަންގޯޅީ "ނަޔާ" ޖަހަގަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބުރައީސް ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނަކީ ޕީޕީއެމްގެ ލީޑަރކަމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށެވެ. އެގޮތުން، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީޕީއެމް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ރައީސް ޔާމީންކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ޕީޕީއެމްގެ ހިންގުމަށް އެންމެ ކުރިންސުރެ އެންމެ ބޮޑު ހޭދައެއް ކުރެއްވި ބޭފުޅަކީވެސް ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި، ޕީޕީއެމްގެ ލީޑަރުކަން އެންމެ ޙައްޤު ބޭފުޅަކީ ރައީސް ޔާމީންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ޕީޕީއެމް އަނބުރާ ރައީސް މައުމޫނަށް ހޯދައިދޭނެކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ޢަބްދުއްރަޙީމް ރައްދު ދެއްވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވަނީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، އިބްރާހީމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވަޢުދުވުމުގެ ބަދަލުގައި އެމް.ޑީ.ޕީގެ ވެރިކަމުގައި ވެފައިވާ ޚިޔާނާތްތަކާއި، ރައްޔިތުންނަށް ވީ އަނިޔާއަށް ޖަވާބުދާރީ ވާންޖެހޭނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ދިވެހި ރައްޔިތުންނަށް ވައުދުތަކެއް ވަމުންދާއިރު، ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަނުދޭނެކަމަށްބުނެ އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓަށް ވަޢުދު ވާން ނުކުރޭނެކަމަށް ޢަބްދުރަޙީމް ވިދާޅުވިއެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވީ އެމް.ޑީ.ޕީއަށް ވާގިދޭ ބޭރުގެ ފަރާތްތަކުގެ ބާރުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.