ޚަބަރު

ދިވެހި ޙައްޖު މިޝަންގެ އޮފީސް މައްކާގައި ޤާއިމްކޮށްފި


ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންނަށް އެހީތެރިވުމަށް ސަޢުދީ އަރަބިއްޔާގެ މައްކާގައި ޙައްޖު މިޝަންގެ އޮފީސް ޤާއިމުކޮށްފިއެވެ.

ޙައްޖު މިޝަންގެ އޮފީހުން ބުނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ ބައެއް ގުރޫޕްތަކުން މިހާރު މައްކާއަށް ގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަލް ޙަރަމައިންނާއި، ޒައީ ގުރޫޕްގެ ޙައްޖުވެރިން ހިމެނޭ ކަމަށެވެ. ހައްޖު މިޝަނުން ބުނީ، ޒައީ ގުރޫޕްގެ ޙަވާލުގައި މާދަމާ 88 ޙައްޖުވެރިން މަދީނާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެމީހުންނަށް އެހީތެރިވުމަށް ޙައްޖު މިޝަންގެ ތިން ބޭފުޅުން އެ ދަތުރުގައި ބައިވެރިވާނެ ކަމަށެވެ. ޙައްޖު މިޝަނުން ބުނީ، ރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ހާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިޝަންގެ ފަރާތުން ފުރިހަމަޔަށް ތައްޔާރުވެ، އިންތިޒާމުތައް ހަމަޖައްސައިދެމުން އަންނަ ކަމަށެވެ.

ޙައްޖަށް ދިއުމަށް އަމިއްލަ ޖަމާއަތުގެ ޙަވާލުގައި ގުރޫޕްތަކުން މިހާރު ފުރަން ފަށާފައިވާއިރު، އަލް ޙަރަމައިންގެ ޙަވާލުގައި 90 މީހަކު މިރޭ ފުރުމަށް ވަނީ ހަމަޖެހިފައެވެ. ސިސިލްފަރު ޙައްޖު ގުރޫޕްގެ ޙަވާލުގައި ދާ 90 މީހުން މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު، ތަޒްކިޔާ ގުރޫޕްގެ ޙަވާލުގައި ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ 70 މީހުން އަންނަ މަހުގެ ތިން ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު ޒައީ ގުރޫޕްގެ ޙަވާލުގައި 88 އަށް މީހުން ވަނީ މައްކާ އަށް ގޮސްފައެވެ. މީގެ އިތުރުން ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދާ މީހުންވެސް އަންނަ މަހުގެ ހަތެއް އަށެއް މި ދެދުވަހު ފުރާނެ ކަމަށް ޙައްޖު މިޝަނުން މަޢުލޫމާތު ދެއެވެ.