އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް ރީ ރެޖިސްޓަރކުރާ ފަރާތްތަކުގެ ފޯމުގެ ސައްޙަކަން ކަށަވަރުކުރުމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި ބައްދަލުކޮށް މަޝްވަރާތައްކޮށްފިއެވެ.
މިބައްދަލުވުމާ ގުޅޭ ގޮތުން  އިލެކްޝަންސް ކޮމިޝަންގެ ރަޢީސް އަޙްމަދު ޝަރީފް ވިދާޅުވީ ފޯމުތަކުގެ ސައްޙަކަން ދެނެގަތުމަށް، ރީ ރެޖިސްޓަރ ކުރަން ހުށަހަޅާ ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާނަކީ ވެރިފަރާތުގެ އިނގިލީގެ ނިޝާންކަން ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުން މެދުވެރިކޮށް ކުރަމުން ގެންދާނެކަމަށެވެ. 
މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގައި ފުލުހުން އަދާކުރާނެ ދައުރާއި ގުޅޭގޮތުންވެސް އިލެކްޝަން ކޮމިޝަނުންވަނީ ފުލުހުންނާއި މަޢުލޫމާތުދީ އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި، ރިޔާސީ އިންތިޚާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ވޯޓުލާ މީހުންގެ އަސާސީ ހައްޤުތަކާއި ޒިންމާތަކާއި، ޝަކުވާގެ ނިޒާމާއި އިންތިޚާބުގައި މަނާ ކަންތައްތަކާއި ކުށްތަކާއި ގުޅޭގޮތުން ދެފަރާތުން މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ. 
މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ގިންތިތަކުގެ ފުލުހުން ބައިވެރިވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރަޢީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ރީ ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ގިނަ ފަރާތްތަކުން ފޯމް ހުށަހަޅަމުންދާކަމަށެވެ. އަދި ހުށަހަޅާ ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް، ކޮމިޝަނުން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށާއި، އޮޅުވާލައިގެން ރަޖިސްޓްރީކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން ފޯމެއްގައި މައްސަލައެއް އުޅޭނަމަ، އެ ފޯމު ހުށައެޅި ފަރާތް ދެނެގަނެ، އެފަރާތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ޝަރީފު ވިދާޅުވިއެވެ.