ޚަބަރު

އެމްއެންޑީއެފް އުވާލުމުގެ ވިސްނުން ގެންގުޅޭ ސަބަބު ހޯދަނީ


ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އުވާލުމުގެ ވިސްނުން ބައެއް ފަރާތްތަކުން ގެންގުޅޭ މަޤްޞަދު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ތާޢީދުކުރާ ބައެއް ފަރަތްތަކުން، އެމީހުންގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު އުވާލުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމް.އެން.ޑީ.އެފް އުވާލުމުގެ ވިސްނުން އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ތިލަކޮށްފައިވަނީ އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް، އެބޭފުޅުންގެ ވެރިކަމެއްގައި ޢަމަލުކުރާނެ ގޮތްތައް ޓުވިޓަރ މެދުވެރިކޮށް ހިއްސާކުރަމުންދާ އެމްޑީޕީގެ ވެރިކަމުގައި ބަންޑާރަނާއިބުކަން ކުރެއްވި އަލްއުސްތާޛް ހުއްނުއްސުޢޫދެވެ.

ދިވެހި ސިފައިންނަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާކަމަށްބުނެ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު، އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ބަންޑާރަނާއިބުކަންކުރެއްވި އަލްއުސްތާޛް ހުއްނުއްސުޢޫދު ވިދާޅުވެފައިވަނި އެމީހުން އެދޭ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު އުވާލުމަށްފަހު، ތިބޭނީ ހަމައެކަނި ކޯސްޓް ގާރޑާއި މެރިން ޕޮލިސް ކަމަށެވެ. ހުސްނުއްސުޢޫދު މިހެން ވިދާޅުވެ ޓުވީޓް ކުރެއްވުމާއެކު އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ މި ޚިޔާލަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.

މިއާއެކު ދިވެހިންގެ އެންމެ ބޮޑު އެއް ފަޚުރު ކަމުގައިވާ، ދިވެހި ސިފައިންގެ ޚިދުމަތް އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެކަމުގެ ބިރުވެރިކަން ދިވެހި މުޖުތަމައުގައި ފުރަތަމަ ފަހަރަށް ވަނީ ފެތުރިފައެވެ.

މިކަމާ ދެކޮޅަށް ދައުލަތުގެ ވަޒީރުންނާއި، ވެރިކަން ކުރާ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދިފާއީ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެމް.އެން.ޑީ.އެފް އުވާލުމުގެ ވިސްނުން ބައެއް ފަރާތްތަކުން ގެންގުޅެނީކޮން މަޤްޞަދެއްގައިކަން ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރެވޭނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ފޭސްބުކްގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ސިޔާދަތު ހިމާޔަތްކޮށް، ދިވެހިންގެ މިނިވަންކަން ދިފާޢުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ކޮންމެ ފަހަރަކު، އަދި ކާރިސާއަކާ ކުރިލަތިލާންޖެހޭ ކޮންމެ ފަހަރަކު ދިވެހި ސިފައިން އަދާކުރާ އަގުނުކުރެވޭފަދަ މުހިންމު މަސައްކަތްތައް ދިވެހިން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. ޤައުމީ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރަންޖެހުނަސް ދިވެހި އަސްކަރިއްޔާ އަބަދުވެސް އޮންނަނީ ތައްޔާރީ ޙާލަތުގައެވެ. މިއީ މިނިވަން މުސްތަޤިއްލު ދައުލަތަކަށް ވަރުގަދަ އަސްކަރިއްޔާއެއްގެ މުހިންމުކަން އޮތް މިންވަރެކެވެ.

ދިވެހިރާއްޖޭގެ އެންމެ ފަޚުރުވެރި، އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާ ކަމުގައިވާ ދިވެހި ސިފައިންގެ މުއައްސަސާ އުވާލުމުގެ ޚިޔާލު އިދިކޮޅު ފަރާތްތަކުން ޢާންމުކުރިއިރު، 1 ނޮވެމްބަރ 1988 ގައި ދިވެހި ޤައުމުގެ ދިފާއުގައި، އަސްކަރިއްޔާއިންކުރި ހަނގުރާމައާއި، އެ ހަނގުރާމައިގައި ދިވެހިޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ ޝަހީދުންގެ ޖިހާދު އެފަރާތްތަކުން ހަންދާން ނެތުނީތޯ ސުވާލު އުފެދެއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް ފައިސާތަކެއް ޚަރަދުކުރަންޖެހޭކަމަށްބުނެ، ސިޔާސީ މަޤްޞަދުތަކަށްޓަކައި އެ މުއައްސަސާ އުވާލުމުގެ ޚިޔާލަކީ ދިވެހި ޤައުމީ ލޭ ހިނގާ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. އަދި މިއީ ނުހަނު ނުރައްކާތެރި ސިޔާސީ ވިސްނުމެކެވެ. މިކަމަށް ދިވެހި އެންމެހައި ރައްޔިތުން ސަމާލުވާންޖެހެއެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ނަގަހައްޓައި، ދެމެހެއްޓުމަށް ދިވެހި ސިފައިން އަދާކުރި ދައުރު ވަޒަންކުރަން ނޭންގޭ ބަޔަކަށް ދިވެހިރާއްޖޭގެ ޒަޢާމަތު ހަވާލުކުރުމުގެ ކުރިން ދިވެހިރައްޔިތުން ހަފަހަރު ވިސްނާލަން ޖެހެއެވެ.