ޚަބަރު

ޅ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތް ބޭނުންކުރަން ފަށައިފި


މުޅިން އައު ޚިދުމަތްތަކާއެކު ޅ.އަތޮޅު އަތޮޅު ހޮސްޕިޓަލްގައި ސަރުކާރުން ތަރައްޤީކުރި އައު ޢިމާރާތް ބޭނުންކުރަން ފަށައިފިއެވެ.

ޅ.ނައިފަރު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އަލަށް ވަނީ ހަބުރީގެ ޢިމާރާތެއް އަޅާފައެވެ. ޅ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސް އަޙްމަދު ސާޖިދު ވިދާޅުވީ، އައު ޢިމާރާތް ބޭނުންކުރަން މިއަދު ފެށީ މުޅިން އަލަށް ޑެންޓަލް ސަރވިސްއާ ތެލެސީމިއާ ޓެސްޓުގެ ޚިދުމަތާއެކު ކަމަށެވެ. ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ޢާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ލެބޯޓްރީގެ ޚިދުމަތާއި، ފާރމަސީގެ ޚިދުމަތް މިހާރު ލިބެން ހުންނާނީ އައު ޢިމާރާތުގައި ކަމަށް ސާޖިދު ވިދާޅުވިއެވެ. އައު އިމާރާތަށް ޚިދުމަތްތައް ބަދަލުކުރި ނަމަވެސް، ކުރީގެ ޢިމާރާތުގައި އެކްސްރޭއާއި، ފިޒިއޮތެރަޕީގެ ޚިދުމަތާއި އިދާރީ ބައެއް ޚިދުމަތަށް ދިނުން ކުރިއަށްޑާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނައިފަރުގައި އަލަށް ހެދި ހޮސްޕިޓަލް ޢިމާރާތާއެކު 48 އެނދުގެ ހޮސްޕިޓަލަކަށް އެތަންވަނީ ބަދަލުވެފައެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ މިޢިމާރާތުގައި 2 އޮޕަރޭޝަން ތިއޭޓަރާއި، ޕްރައިވެޓް ވޯޑާއި، އޭސީ ވޯޑުތަކުގެ އިތުރުން އެގްޒެގެޓިވް ވޯޑު ހުރެއެވެ. މިއީ ސަރުކާރުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހެދި ޢިމާރާތެކެވެ.

ޅ.އަތޮޅު ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 120 އަކަށް މީހުން ޚިދުމަތް ހޯދަމުންދޭ އައު ޢިމާރާތުގެ ޚިދުމަތްތަކާއެކު ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުން އިތުރުވެ، ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޅ.އަތޮޅު ހޮސްޕިޓަލުންބުނެއެވެ.