ޚަބަރު

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ އަދަދު ދަށަށް


ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ދަށްވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ. އެމްއެމްއޭއިން ކުރިޔަށް ގެންދިޔަ ސާވޭއަކަށް ފަހު އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ ފާއިތުވި 3 އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް ވަނީ ބޮޑުތަުން ދަށްވެފައެވެ.

އެމްއެމްއޭއިން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އެރަވައިލްގައި ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ ދައްކާގޮތުން 2015 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހީންގެ ނިސްބަތަކީ 58 އިންސައްތައެވެ. މިއީ 2،247 މީހުންނެވެ. 2016 ވަނަ އަހަރު 2،281 މީހުންނާއިއެކު، 51 އިންސައްތައަށް މި ނިސްބަތްވަނީ ދަށްވެފައެވެ. އަދި މިދިޔަ އަހަރު މި އަދަދުވަނީ 45 އިންސައްތަ ދަށްވެފައެވެ. އެއީ ޖުމްލަ 1،889 މީހުންނެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި ދިވެހީން ބޭސްފަރުވާއަށް އެންމެ ގިނައިން ދަތުރުކޮށްފައިވަނީ އިންޑިއާއަށެވެ. 2015 ވަނަ އަހަރު އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ ދިވެހީންގެ ނިސްބަތް 57 އިންސައްތައިގައި ހުރުމަށްފަހު 2016 ވަނަ އަހަރުވަނީ 56 އަށް ދަށްވެފައެވެ. އަދި 2017 ވަނަ އަހަރު މިއަދަދު އުޅެނީ 65 އިންސައިތައި ގައެވެ.

އިންޑިއާގެ އިތުރުން ދެން އެންމެ ގިނައިން ދިވެހިިން ބޭސްފަރުވާއަށް ދަތުރުކޮށްފައިވަނީ ލަންކާއަށެވެ. ލަންކާއިން 2015 ވަނަ އަހަރު 37 އިންސައްތަ ދިވެހިން ބޭސްފަރުވާ ހޯދާފައިވާއިރު، 2016 ވަނަ އަހަރު މި އިންސައްތަވަނީ 34 އަށް ދަށްވެފައެވެ. އަދި މިދިޔަ އަހަރު ބޭސްފަރުވާއަށް ލަންކާއަށް ދިޔަ ދިވެހިންގެ އަދަދަކީ 26 އިންސައްތައެވެ.

އިންޑިއާއާއި ލަންކާގެ އިތުރުން މެލޭޝިޔާ، ތައިލޭންޑް އަދި ސިންގަޕޫރުންވެސް ދިވެހީން ބޭސްފަރުވާގެ ޙިދުމަތްވަނީ ހޯދާފައެވެ. މި ތިން ޤައުމަށްވެސް ފާއިތުވި 3 އަހަރުގެ ތެރޭގައި ބޭސްފަރުވާއަށް ދަތުރުކުރި ދިވެހީންގެ ނިސްބަތްވަނީ ދަށްވެފައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވަނީ މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނެވެ. މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިން އެވްރެޖްކޮށް 19 ދުވަސް ބޭސްފަރުވާގައި ހޭދަކުރާއިރު އެންމެ ކުރު މުއްދަތެއް ހޭދަކޮށްފައިވަނީ، ތައިލޭންޑަށް ދަތުރުކުރާ ދިވެހީންނެވެ. އެއީ އެވްރެޖްކޮށް 10 ދުވަހެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ ނިސްބަތް ދަށްވެފައިވާއިރު، ސަރުކާރުން ގެންދަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ބާރުދުވެލީގައި ކުރަމުންނެވެ. އެގޮތުން މި ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިންމައި ޙިދުމަތްދޭން ފެށޭވަރު ވާނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މި ހޮސްޕޮިޓަލާއިއެކު ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިވެހިން ދިއުން ހުއްޓިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

މީގެއިތުރުން މިއަހަރުގެ މާރޗް މަހު ރާއްޖޭގައި ޤާއިމުކުރެވުނު ފުރަތަމަ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް ވަނީ ހުޅުމާލޭގައި ހުޅުވާފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަމިއްލަ ކުންފުންޏަކުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމާއި ޞިއްޙީ އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާ ދިވެހީންގެ ނިސްބަތް ދަށްކުރުމުގެ ގޮތުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ ބޮޑެތި އިންވެސްޓްމަންޓްތައްކުރަމުންނެވެ. އަދި މީގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.