ޚަބަރު

ފަހުގެ ތާރީޚެއްގައި ރާއްޖެދުށް ދީނާއި ވަތަނުގެ ދިފާޢީ އައްޑަނައަކީ ރައީސް ޔާމީން - އަޒްލީން


ފަހުގެ ތާރީޚެއްގައި ރާއްޖެދުށް ދީނާއި ވަތަނުގެ ދިފާޢީ އައްޑަނައަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 53 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ މިނިވަންކަން ނެތްތަނެއްގައި ފުދުންތެރިކަމެއް ނޯންނާނެކަމަށެވެ. އަދި މާޒީގެ ފިލާވަޅުތަކުން އިބުރަތް ހާސިލުކޮށް މިނިވަންކަމަށް ލޮޅުން އަރާފާނެފަދަ ކަންކަމަށް ހޭލާ ތިބުމަށްވެސް މިނިސްޜަ އަޒްލީން ގޮވާލެއްވިއެވެ.

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، މިނިވަންކަމުގެ ހަޤީޤީ މާނައަކީ އެހެން ބައެއްގެ މައްޗަށް ބަރޯސާނުވެ، އަމިއްލައަށް ބަސްބުނެ، ގޮތް ނިންމުމުގެ ފުރިހަމަ އިޙްތިޔާރު ލިބިފައިވުންކަމަށެވެ. އަދި މިއީ 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީގެ ޒަމާންކަމަށާއި، ކަނޑިބަޑިން ކުރާ ހަނގުރަމާއަށްވުރެ، ފިކުރީގޮތުން އެކި ޤައުމުތަކުގެ މެދުގައި މިއަދު ކުރާ ހަނގުރާމަ މާ ނުރައްކާތެރިވެފައި ބިރުވެރިވާނެކަމަށެވެ. އެގޮތުން ކުދި ޤައުމުތަކުގެ އިންފާރުތައް ވައްޓާލާ، ބޭރުގެ ނުފޫޒުތަކުން އެކިގޮތްގޮތުން އެ ޤައުމުތަކުގެ ކަންކަން އެފުށް މިފުށަށް ޖެހުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ރާއްޖެއަށްވެސް މިއަދު އެ ހާލަތު އައިސްފައިވާކަން މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ޤައުމެއްގެ މައްޗަށް އަތްގަދަ ކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ނަގާލާނީ އެ ޤައުމެއްގެ އެތެރޭގެ ހަމަޖެހުމާއި، ސުލްޙަ މަސަލަސްކަމަށެވެ. އެގޮތުން ޑިމޮކްރަސީއަކީ ހަމަހަމަކަމާއި، މިނިވަންކަމޭ ބުނެ އެތެރެއަށް އެކި ދީންތައް ގެނެއުމަށް މަސައްކަތް ކުރަނީ ޤައުމުގައި ބައިބައިވުން އުފައްދާ، ނުތަނަވަސްކަން އިތުރުކޮށް، ފިތުނަ ފަސާދަ އުފެއްދުމަށްކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި މިހާދުވަހު ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީވެސް ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ، ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް ދީނާއި، ވަތަނުގެ ދިފާޢީ އައްޑަނަކީ ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި، އެމަނިކުފާނަކީ ޤައުމުގެ ދިފާޢުގައި ކިތަންމެ ބޮޑު ޤުރުބާނީއެއްވެސް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ލީޑަރެއްކަން މިއަދު ސާބިތުކޮށްދެއްވާފައިވާކަމަށެވެ.

ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖެ އޮތް ސަރަޙައްދަކީ ދުނިޔޭގެ ޤައުމުތަކުގެ ލޯތައް އަބަދުހެން ބަލަބަލަ ތިބޭ، އިޤްތިޞޯދީގޮތުންވެސް މުހިއްމު ސަރަޙައްދެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ ދިވެހިންނަށް ހެޔޮނޭދޭ ޤައުމުތަކަށް މި ޤައުމު ވަރަށް މުހިއްމުވާނެ ކަމަށާއި، ދިވެހިންގެ ކުރިއެރުމާއި، ތަރައްޤީ އިނދަޖައްސާލަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްވެސް އެފަރާތްތަކުން ފަސްނުޖެހޭނެކަމަށެވެ. ރާއްޖޭގެ ތާރީޚުގެ ތެރެއިން މާލޭގައި ހިނގާދިޔަ ބޮޑުހުޅުގެ ޙާދިސާއިން މިސާލު ނަންގަވާއި، މިއަދުގެ ޖީލުގެ ޒުވާނުން މިފަދަ ކަންކަމުން އިބުރަތް ހާސިލްކުރެއްވުމަށް މިނިސްޓަރ އަޒްލީން ގޮވާލެއްވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އަމާން ވެއްޓެ ޤާއިމުވެފައިވާ ތަނަކަށް ހެދުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށްވެސް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން 2013 ވަނަ އަހަރު 21 ހާހަށްވުރެ ގިނަ މައްސަލަ ޕޮލިހަށް ރިޕޯޓުކޮށްފައިވާއިރު، 2017 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު 15 ހާހަށް ދަށްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.