ޚަބަރު

މޫޑީސްގެ ރޭޓިންގ ދަށެއް ނުކުރޭ، ފަތުރަމުންދަނީ ދޮގު މައުލޫމާތު - ފިނޭންސް މިނިސްޓަރ


ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސްއިން ދަށްކޮށްފައިވާކަމަށްބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއްކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ އެއް ދަރަޖަ ދައްކޮށްފައިވާކަމަށްބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދައްކޮށްފައި ނުވާކަމަށެވެ. އަދި މޫޑީސްއިން 2016 ވަނަ އަހަރު ރާއްޖެއަށްދިން ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމަށް ނިންމާފައިވާކަން އިއްޔެ ޢާންމުކޮށް އިޢުލާންކޮށްފައިވާކަމަށެވެ.

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ބީ-2 ގައި ދެމެހެއްޓުމަށްފަހު އައުޓްލުކް ނެގެޓިވް އަށް ބަދަލުކޮށްފައިވީ ނަމަވެސް ރޭންކިންގގެ ދަރަޖަ ދައްކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ދަރަޖަ ދައްކުރި ނަމަ ހުންނާނީ ބީ-3 ގައި ކަމަށެވެ. އަދި އައުޓްލުކްއަކީ ކުރިއަށްއޮތްތަނުގައި މިރޭޓިން ދަށްވެދާނެކަން ނުވަތަ ނޫންކަން ދައްކުވައިދޭ އެއްޗެއްކަމަށާއި، އެއީ ރޭޓިންގ ބަދަލުކުރުން ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ބައެއް މީޑިއާތަކުން ފަންނީ ބަސްތައް ނުބައިކޮށް ތަރުޖަމާކޮށް ޢާންމުރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ޝާއިޢުކުރަމުންދާކަމަށެވެ.

މޫޑީސް އިންވެސްޓަރ ސަރވިސަސްއިން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތައް ބަލައި ރާއްޖެއަށް ދީފައިވަނީ B2 ރޭޓިންގ އެކެވެ. މި ރޭޓިންގ އިން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދު ދުޅަހެޔޮ ކަމެވެ. ތަރައްޤީވަމުން އަންނަ ގައުމުތަކާއި ކުދި އިޤްތިޞާދުތައް ހިމެނޭ މި ރޭޓިންގ މޫޑީސްއިން ރާއްޖެއަށް ދީފައި ވަނީ، ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރި އަރާނެ ކަމަށް ލަފާކޮށްފައެވެ.