ކުރިއަށް އޮތީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ހައްސާސް އިންތިޙާބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޙާބަށް ކެމްޕެއިން ކުރެއްވުމަށް ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮނޑޭގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބާއްވާނެ އެންމެ ހައްސާސް އިންތިޙާބަށް ވާނެ ކަމަށާއި، މި އިންތިޙާބު ހައްސާސް ވަނީ ބައިވަރު ސިޔާސީ ޕާޓީތަކާއި ބޭރު ދުނިޔެ އާއި ވާދަ ކުރުމަށް ރައީސް ޔާމީން ނުކުންނަވާތީ ކަމަށެވެ. އެހެންކަމުން އެއްމެން އެކަތިގަނޑަކަށްވެ އެކުގައި ނުކުމެ ރައީސް ޔާމީންގެ ދިދައިގެ ދަށުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެހެން ދިދަތައް އަންނަން ޖެހޭނީ އޭގެ ފަހުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޕީޕީއެމްގެތެރޭ ތަފާތު ގޮފިތައް އުފެދިފައިވީ ނަމަވެސް އަމާޒަކަށް ވާން ޖެހޭނީ ރައީސް ޔާމީންގެ ނަންފުޅުގެ ދަށުން ހުރިހާ ގޮފިތަކެއް އެކުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ކުރިމަތީ އޮތް 2018 ގެ އިންތިޙާބު ކާމިޔާބު ނުކޮށް 2019 އާއި ހަމަޔަށް ނުދެވޭނެ ކަމަށާއި، އެހެން ކަމުން ފުރަތަމަ ކަމަކީ ބޮޑު އަގުލަބިއްޔަތަކުން ރައީސް ޔާމީނަށް އިންތިޙާބު ކާމިޔާބުކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ފަދައިން ބައިބައިވެގެން ކުރާ އެއްވެސް ކަމެއް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ދީނުގައި ބާރު އާޅާފައިވާ ގޮތަށް އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތް ކުރުމަށްވެސް ޝަހީމް ގޮވާލެއްވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޙާބަށް ތާއިދު ހޯއްދެވުމުގެ ގޮތުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް ހުވަދު އަތޮޅު އުތުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގެމަނަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ އަޑު އައްސަވާފައިވާ އިރު، ގެމަނަފުށިން ވަނީ ޑރ. ޝަހީމާއި އެމަނިކުފާނުގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.