ޚަބަރު

އިދިކޮޅު ފަރާތްތަކުންދަނީ ޕީޕީއެމްއާ ބެހޭގޮތުން ދޮގުވާހަކަ ފަތުރަމުން - ޕީޕީއެމް


ދައުލަތާ ޙަވާލުވެހުރި ފަރާތެއް ރަސްމީ ޙައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ މަޢުލޫމާތު މީޑިއާތަކުން ގެނައުމަކީ ވަކި ޕާޓީއަކަށް ކެމްޕެއިން ކުރުން ނޫންކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ޕީޕީއެމުގެ ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ އެކަމާއި ގުޅޭ ސައްޙަ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނިހާން ވިދާޅުވީ ކޮންމެ އޮފީހެއްގެ ކޮންމެ މަޤާމެއްގައި ހުރި މީހަކަށްވެސް އެމީހަރު ބޭނުންވާ ފިކުރަކަށް ތާޢީދުކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް ޕީޕީއެމް ތައްޔާރުވުމަށް ކުރިއަށްގެންދާ މަސައްކަތުގައި ވަޒީރުންނާއި، ސަރުކާރު މުވައްޒަފުންނާއި އަދި އެހެނިހެން ފަރާތްތަކުންވެސް ޙަރަކާތްތެރިވަނީ އަމިއްލަ ހައިސިއްޔަތުންކަމަށް ނިހާން ފާހަގަކުރެއްވިއެވެ. މިއީ އެއްވެސްވަރަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު އޮވެގެން ކުރާ މަސައްކަތެއް ނޫންކަމަށް އޭނާވިދާޅުވިއެވެ.

އަދި ބައެއް މީޑިއާތަކުން ޕީޕީއެމްގެ މެންބަރުން ދައްކާ ވާހަކަތައް ނަހަމަގޮތުގައި ބޭނުންކޮށް، އޮޅުވާލައިގެން ބައެއް ވާހަކަތައް ފަތުރަމުންދާތީ ނިހާންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ދައްކާ ވާހަކަތައް އެފުއްމިފުށަށް ޖަހައިގެން ސޯޝަލް މީޑިއާއާ، ޚަބަރު ފަތުރާ ވަސީލަތްތައްކުގައި ފެތުރުމަކީ، އެ ވާހަކަތައް ފަތުރާ ފަރާތްތަކުގެ އަގު ރައްޔިތުންގެ މެދުގައި ވެއްޓިގެންދާ ކަމެއްކަމަށެވެ.

ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީއިން ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްކަމަށެވެ. އެގޮތުން ފޯމު ފުރާ ފަރާތަކީ ކޮން ޕާޓީއެއްގެ ފަރާތެއްކަމެއް ބަލާފައި ނުވާނެކަމަށާއި، އަދި ފޯމުތަށް ލިމުގައި އެއްވެސް އޮޅުވާލުމެއް ގެންގުޅިފައި ނުވާނެކަމަށެވެ.