ޚަބަރު

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކޮށްފި.


މުޅި ރާއްޖޭގައި މޫސުމީ ވިއުގައެއް ޤާއިމްކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި 25 ރަށެއްގައި ވެދަރ ސްޓޭޝަން ހަރުކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިރިއޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސައީދު ވިދާޅުވީ، ވެދަރ ސްޓޭޝަން އިންސްޓޯލްކޮށް ނިމި، މިހާރު ބޭނުން ކުރަމުން އަންނަ ކަމަށްް. ކުޑަހުވަދޫ ފިޔަވައި އެހެން ހުރިހާ ސަރަޙެއްގެ ސްޓޭޝަން އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިފަދަ ސްޓޭޝަންތައް ހަރުކުރުމުގެ ބޭނުމަކީ، މުޅި ރާއްޖޭގައި މޫސުމީ ވިއުގައެއް ޤާއިމްކޮށް، ކުރިއަށް މޫސުން ލަފާކުރާނެ ގޮތް ދެނެގަންނާނެ ޑާޓާ އެއްކުރުން ކަމަށެވެ.
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މިމަޝްރޫޢުގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކޮށްފައިވަނީ 25 ރަށެއްގައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މިޝްރޫޢުގެ ކުރިން ވެދަރ ސްޓޭޝަންތައް ޤާއިމްކޮށްފައި ހުރީ އައްޑޫސިޓީއައި ފުވައްމުލައް ސިޓީގައި ކަމަށެވެ.