ޚަބަރު

ދިވެެހި ބޭސްވެރިކަން އާ ހަރުފަތަކަށް ގެންގޮސްދެއްވި މާވާ މުހައްމަދު މަނިކު އަވަހާރަވެއްޖެ


ދިވެެހި ބޭސްވެރިކަން އާ ހަރުފަތަކަށް ގެންގޮސްދީ، މި ދާއިރާއަށް ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ގ.ކަޝްމީރުގެ ޑރ.މާވާ މުހައްމަދު މަނިކު އަވަހާރަވެއްޖެއެވެ.

މާވާ މުޙައްމަދު މަނިކް އަވަހާރަވީ އާލާސްކަންފުޅެއްގެ ސަބަބުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 85 އަހަރެވެ.
އުމުރުގެ ބޮޑުބައި ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެއްވުމުގައި ހޭދަކުރައްވާފައިވާ މާވާ މުޙައްމަދު މަނިކު ފުރަތަމަ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެއްވަން ފަށްތަވާފައިވަނީ އެނާގެ ޢުމުރުފުޅުން އެންމެ 18 އަހަރުގައި 1951 ވަނަ އަހަރުއެވެ.

މާވާ މުޙައްމަދު މަނިކު ދިވެހި ބޭސްވެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް، 2000 ވަނަ އަހަރު ސަރުކާރުންވަނީ އޭނާއަށް ޢާއްމު ޚިދުމަތަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމުވެސް ދެއްވާފައެވެ.

ބައްޕާފުޅުގެ އަރިހުން މިމަސައްކަތްދަސްކުރައްވައިގެން އޭނާ ފުރަތަމަ އަމިއްލައަށް ބޭސްހަދަން ފަށްތަވާފައިވަނީ ބޭރުގެ ފޮތްތަކުން ބޭހާއި ގުޅޭ މަޢުލޫމާތު އެއްކޮށްގެންނެވެ. އެގޮތުން ފުރަތަމަ ބޭސް ތައްޔާރުކުރަން ފަށްޓަވާފައިވަނީ ރާއްޖޭގެ ވެށިން ލިބެންހުރި ތަކެތި ކަމަށްވާ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެންނެވެ.

ފަތްޕިލާވެލީގެ ބޭސްވެރިކަން ކުރިއަރުވައި، ރާއްޖޭގައި ޒަމާނީފެންވަރަށް ފުޅިފުޅީގައި ބޭސް ބަންދުކޮށް ފުރަތަމަ ބޭސް ފޯރުކޮށްދެއްވަން ފެށްޓެވި ބޭފުޅަކީވެސް މާވާ މުޙައްމަދު މަނިކެވެ. މާވާ މުޙައްމަދު މަނިކު އަމިއްލަފުޅަށް އުފައްދަވާފައިވާ ބޭސްވަނީ ސަޢުދީއަރަބިއްޔާއަށާއި، ދުނިޔޭގެ އިތުރު ބައެއް ޤައުމުތަކަށް އެކްސްޕޯޓްވެސް ކުރައްވާފައެވެ.

މާލޭގައި ހުންނަ، އެމް.އެމް.އެމް މެޑި ކްލިނިކަކީ މުޙައްމަދު މަނިކު އުފައްދަވާ، އަދި މިހާރުވެސް ސިއްޙީ ގިނަ ޚިދުމަތްތައްކެއް ދެމުންގެންދާ ކްލިނިކެކެވެ. މި ކްލިނިކް މެދިވެރިކޮށް ތަފާތު ވައްތަރުގެ ދިވެހި ބޭހާއި، އެކި ބަލިތަކުގެ ޑޮކްޓަރީ ފަރުވާ ދެމުން ގެންދެއެވެ.