ތަޢުލީމު

މޮރޮކޯއިން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މޮރޮކޯއިން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން ހުޅުވާލައިފިއެވެ.

މޮރޮކޯ ސަރުކާރުން ދިވެހިރާއްޖެއަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ބެޗްލަރސް ޑިގްރީއަށް ކިޔެވުމުގެ 2 ފުރުޞަތަކާއި، މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ 5 ފުރުޞަތަކާއި، ޕީ.އެޗް.ޑީއަށް ކިޔެވުމުގެ 1 ފުރުޞަތެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތަކީ މި ފުރުޞަތުތަކުގެ ދަށުން އެމީހަކު ބޭނުންވާ ކޯހަކާއިގުޅޭ ޝަރުތުތަކުގެ އިތުރުން، ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެ ފަހުގެ އެހީއަށްފަހު، އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ސުންގަޑިއަށް، ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ އެ ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނެއް އަނބުރާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތަކަށްވެސް ވާންޖެހޭނެކަމަށެވެ.

މީގެ އިތުރުން އެމީހަކު ކުރިމަތިލާ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާންޖެހޭނެކަމަށާއި، އެ ބޭނުންވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކުރިމަތިލެވޭނީ މޮރޮކޯގެ ޕަބްލިކް އިންސްޓިޓިއުޓްތަކުން އޮފަރކުރާ ކޯސްތަކަށްކަމަށާއި، މި ސްކޮލަރޝިޕްގެ ދަށުން ގިނަ ޕްރޮގްރާމްތަކުގައި، ޚާއްސަކޮށް ސައިންޓިފިކް، ޓެކްނިކަލް އަދި އިކޮނޮމިކްސް ޕްރޮގްރާމްތަކުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ފްރެންޗް ބަހުން ކަމަށްވެސް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. އަދި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން ފުރަތަމަ އަހަރު ފްރެންޗް ބަސް ކިޔެވުމަށްފަހު، އިމްތިޙާނުން ފާސްވުމުން އެކަށޭނަ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ލިބިގެންދާނެކަމަށާއި، އިސްލާމިކް ސްޓަޑީސް، އަރަބިކް ލެންގުއޭޖް އެންޑް ލިޓްރޭޗަރގެ ކޯސްތައްނަމަ، ޢަރަބި ބަސް ކިޔަވަންޖެހޭނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ފިނުމަށް ހަމަޖެހިފައިވަނީ މޮރޮކޯގެ ސަރުކާރުންނެވެ. އެގޮތުން މި ސްކޮލަރޝިޕްގެ ދަށުން މަހަކަށް 750 މޮރޮކަން ދިރްހަމް ޕޮކެޓް މަނީއެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

އުތުރު އެފްރިކާގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައިއި ހިމެނޭ މޮރޮކޯގެ ފަރާތުން ރާއްޖެއަށް ދީފައިވާ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.