ޚަބަރު

އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ނަޝާތު އައްޔަންކޮށްފި


އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢަލީ ނަޝާތު އައްޔަންކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި އއ. ފެރިދޫ، ހާލި، ޢަލީ ނަޝާތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އޭނާގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އީސީގެ މެންބަރުކަމުގެ ލިޔުން ޢަލީ ނަޝާތާއި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ އެކޮމިޝަންގެ މެމްބަރު މުޙައްމަދު ޝަކީލް މިއަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝަކީލް މިހާރު ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

މިހާރު ކޮމިޝަންގައި ތިއްބެވީ ރައީސް އަޙްމަދު ޝަރީފާއި، ނާއިބުރައީސް އަމްޖަދު މުސްތަފާއާއި، މެމްބަރު އަޙްމަދު އަކްރަމާއި، މެމްބަރު އިސްމާއީލް ހަބީބެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢަލީ ނަޝާތު އައްޔަން ކުރުމާއެކު ކޮމިޝަންގެ 5 މެމްބަރުން ހަމަވާނެއެވެ.