ޚަބަރު

ކަރެކްޝަނަލް ސަރވިސްގެ ނަން ބަދަލުކުރަން ކޮމެޓީން ނިންމައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަން ނޭޝަނަލް ޕްރިޒަންސްގެ ނަމަށް ބަދަލުކުރުމަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙު ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒުހާން ހުށަހެޅުއްވި އިޞްލާޙު ފާސްކޮށްފައިވަނީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ އިޞްލާޙުގައި ބުނެފައިވަނީ އިޞްލާޙު ފާސްވެ ތަސްދީޤު ކުރާ ހިސާބުން ފެށިގެން ކަރެކްޝަނަލް ސަރވިސްގެ ނަން ނޭޝަނަލް ޕްރިޒަންސަށް ބަދަލުވާނެ ކަމަށެވެ. އަދި ހަމައެއާއިއެކު މިހާރުވެސް އޮންނަ އުޞޫލުގެ ތެރެއިން ނޭޝަނަލް ޕްރިޒަންސް ސަރވިސްއަކީ ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ ބައެއް ކަމަށްވެސް އިޞްލާޙުގައި ބުނެފައިވެއެވެ.

ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި ޕްރިޒަންސް އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ލިބޭގޮތް ވެސް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ބުނެފައިވަނީ ޕްރިޒަންސް އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދޭނީ ހޯމް މިނިސްޓަރު ކަމަށެވެ. ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި މިހާރު ބުނެފައިވަނީ ޕްރިޒަންސް އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދޭނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމަށެވެ. ނަމަވެސް ޝަރަފުގެ ނިޝާން ދޭނީ މިހާރުވެސް ޤާނޫނުގައި ބުނެފައިވާ ފަދައިން މިނިސްޓަރެވެ.

މީގެ އިތުރުން ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގެ ދަށުން މީހުން ދޫކުރުމާއި ބޯޑުގެ ޒިންމާ އަދާ ކުރުމަށް ޕްރިޒަން ސާރވިސްގެ އިދާރީ އޮނިގަނޑުގައި ވަކި ޑިޕާރޓްމެންޓެއް އުފައްދަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ.