ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ނަޝާތު އައްޔަންކުރުމަށް ފާސްކޮށްފި


އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އެކޮމިޝަންގެ ޑިރެކްޓަރ ޢަލީ ނަޝާތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް، އެކޮމިޝަންގެ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި އއ. ފެރިދޫ، ހާލި، ޢަލީ ނަޝާތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 32 މެމްބަރުން އިއްތިފާޤުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ އެކޮމިޝަންގެ މެމްބަރު މުޙައްމަދު ޝަކީލް މިއަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝަކީލް މިހާރު ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

މިހާރު ކޮމިޝަންގައި ތިއްބެވީ ރައީސް އަޙްމަދު ޝަރީފާއި، ނާއިބުރައީސް އަމްޖަދު މުސްތަފާއާއި، މެމްބަރު އަޙްމަދު އަކްރަމާއި، މެމްބަރު އިސްމާއީލް ހަބީބެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢަލީ ނަޝާތު އައްޔަން ކުރުމާއެކު ކޮމިޝަންގެ 5 މެމްބަރުން ހަމަވާނެއެވެ.