ޚަބަރު

ޕީޕީއެމްއާ އިދިކޮޅު އެއްވެސް ރައްޔިތަކު ނުހުންނާނެ – ޑރ. ޝަހީމް


ސަރުކާރު ހިންގާ ޕާޓީ ޕީޕީީއެމްއާ އިދިކޮޅު އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް ދިވެހި ހުރިހާ ރައްޔިތުންނަކީ ވެސް އެކަތިގަނޑެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ރަނިން މޭޓް ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ހުވަދު އަތޮޅު އުތުރުބުރީގެ ރަަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮނޑޭއާއި ކަނޑުހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޙާބު ކާމިޔާބުކުރަން ބޭނުންވަނީ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ ޢަޒުމާއިހިތްވަރާއެކު ގުޅިގެން ކުރާ މަސައްކަތުންކަމަށެވެ. އަދި ޕީޕީީއެމްއާއި އިދިކޮޅު އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް ދިވެހި ހުރިހާ ރައްޔިތުންނަކީވެސް އެކަތިގަނޑެއް ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ފިކުރާއި ޚިޔާލު ތަފާތުވިނަމަވެސް ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރަން އެމަނިކުފާނަށް ވޯޓުދޭން ޖެހޭ ކަމަށެވެ. އެ ގޮތުން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ޖެހެނީ ރާއްޖެ ތަރައްޤީކޮށް ޤައުމުގައި އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ޤާއިމްކުރުމަށްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، މާލެގެ މަގުތަކުގައި ހަމަޖެހިލައިގެން ނޫޅެވޭވަރަށް ކަންތައްތައް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން މީހުންގެ އަބުރު ކަތިލުމާއި މުޒާހަރާ ކުރުމާއި ވިޔަފާރިތަކަށް ހުރަސް އެޅުންފަދަ އެތަކެއްކަމެއް އެދުވަސްވަރު ހިނގާދިޔަކަން ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން އެހުރިހާކަމެއް ހަމަމަގަށް އެޅުވުމަށްފަހު، ބޭރުގެ ފަރާތްތަކުގެ ނުފޫޒު ކުޑަކޮށް ދުވަހެއް ދުވަހަކަށް ރާއްޖޭގެ އިގްތިޞާދު ނަގާކޮޅަށް ޖަހަމުންދިޔަކަން ފާހަގަކުރެއްވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރެއް ބޭނުންފުޅު ވެގެން އުޅުއްވަނީ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެއްވުމަށް ކަމަށާއި އެ މަނިކުފާނު ފަށްޓަވާފައިވާ ތަރައްޤީގެ ބިޔަމަޝްރޫއުތައް ނިންމެވުމަކީ އަމާޒުކަމަށެވެ. އަދި އެ މަނިކުފާނުނޫން ބޭފުޅަކު އިންތިޚާބުކޮށްފިނަމަ އެކަމުގެ ހުރިހާ ހިތްދަތިކަމެއް ތަހައްމަލް ކުރަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޙާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ޑރ.ޝަހީމް ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހުވަދު އަތޮޅު އުތުރު ބުރީ ވިލިނގިއްޔާއި ކޮލަމާފުއްޓާއި ދެއްވަދޫގެ އިތުރުން ކޮނޑޭއާއި ކަނޑުހުޅުދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

ޑރ.ޝަހީމްގެ ދަރުފުޅުގައި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.