ޚަބަރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި


ސެޕްޓްމްބަރ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު 12 ޖެހިއިރު ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯރމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ 3 ވަނަ ފަންގިފިލާއަށް ކަމަށެވެ.

އަދި މިއަދުން ފެށިގެން 2018 އޮގަސްޓް 04 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ފޯރމް ބަލައިގަންނާނެކަމަށާއި، ހުކުރު ދުވަހުގައި ފޯރމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ގިނަ ލިޔެކިޔުންތައް ފުރިހަމަ ކުރަންޖެހެއެވެ. އޭގެތެރޭގައި ކުށުގެ ރެކޯޑް ފޯރމާއި، ދަރަނީގެ ރެކޯޑް ފޯރމް ހިމެނެއެވެ. އަދި ރަސްމީ އިންތިޚާބީ އޭޖެންޓުގެ މަޢުލޫމާތާއި، ރަސްމީ އިންތިޚާބީ އޮޑިޓަރުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން އިދާރީ ފީގެ ގޮތުގައި 100،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓުން، ތާޢީދު އޮތްކަން ހާމަކުރުމުގެ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ 1500 މީހުންގެ ސޮއާއެކު މައުލޫމާތު ހުށައަޅަން ޖެހެއެވެ.