ޚަބަރު

ހިތަދޫއިން ދައުލަތަށް ނަގާފައިވާ ގޯތީގެ ބަދަލުގައި ދޫކުރާ ގޯތިތައް





 


ސ. ހިތަދޫއިން ދައުލަތުގެ ބޭނުމަށް ނަގާފައިވާ ގޯތީގެ ބަދަލުގައި ދޫކުރަން ނިންމާފައިވާ ގޯތިތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދޫކުރަން ފެށޭނެ ކަމަށް އައްޑޫ ސިޓީކައުންސިލުން ބުނެފިއެވެ.




އައްޑޫ ސިޓީގެ ހިތަދޫން އާންމުންނަށް ގޯތިދިނުމަށް ފަހު ދައުލަތުގެ ބޭނުމަށް އެގޯތިތައް އަނބުރާ ނަގާފައިވަނީ، 17 ވަނަ ސާކްސަމިޓަށް ހިތަދޫގައި އިމާރާތްކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އެޅުމަށާއި އެސަރަހައްދު ތަރައްޤީ ކުރުމަށެވެ.


 
ކޮންވެންޝަން ސެންޓަރާއި ސެންޓަރު ހިމެނޭ ސަރަހައްދުކަމަށްވާ މާމެންދޫ ސަރަހައްދުން ދޫކޮށްފައިވާ ގޯތީގެ ތެރެއިން ދައުލަތަށް  700 އަށްވުރެގިނަ ގޯތި އޭރު ވަނީ ނަގާފައެވެ.


 
އެސަރަހައްދު އަލުން ޕްލޭންކޮށް މިހާރު ދޫކުރުމަށް ނިންމާފައިވަނީ 200 ގޯތިކަމަށް އައްޑޫ ސިޓީކައުންސިލުން މައުލޫމާތުދެއްވިއެވެ.


 
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބު ވިދާޅުވީ ގޯތިދޫކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާކަމަށާއި، މަހެއްހާ ދުވަހުގެ ތެރޭގައި ގޯތި ދުކުރުމުގެ އަމަލީ މަސައްކަތް ފަށައިގަނެވޭނެކަމަށެވެ.


 
މިފަހަރު ދޫކުރާ ގޯތިތައް ދޫކުރުމުގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އިސްކަންދެއްވާނެ ކަމަށާއި، ގޯތިދޫކުރަން ނިންމީ ބޯހިޔާވަހިކަމަށް ގިނަ ފަރާތްތަކުން އެދެމުން ދިއުމާއި ގުޅިގެންކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.




 


ދެފިޔަވައްސަކަށް ބަހާލައިގެން ހިތަދޫ މާމެންދޫ ސަރަހައްދުން ގޯތިދޫކުރަން ނިންމާފައިވާއިރު އެސަރަހައްދުން ދޫކުރުމަށް ނިންމާފައިވަނީ 3 ހާސް އަކަފޫޓްގެ ގޯއްޗެވެ.