100 ދިވެހި މުވައްޒަފުން ހަމަވާ ރިސޯޓްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި، އެކަމަށް އެދުނު 36 ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފުރަތަމަ ރިސޯޓްތަކުގައި ފޮށި ބެހެއްޓުމަށް ހުޅުވާލީ 250ދިވެހި މުޢައްޒަފުން މަސައްކަތް ކުރާ ރިޒޯޓުތަކުގައި އެކަނިކަަމަށެވެ. އެހެން ނަމަވެސް 100އަށް ވުރެ ގިނައިން ދިވެހިން މަސައްކަތްކުރާ ރިސޯޓްތަކުގައި ފޮށި ބަހައްޓާގޮތަށް ނިންމީ ރިސޯޓްތަކުގެ މުޢައްޒަފުންނާއި، ސިޔާސީ ޕާޓީތަކުށް އެކަމަށް އެދެމުގެމަތިންކަމަށެވެ.
ރާއްޖޭގައި 130 ރިސޯޓެއް އޮޕަރޭޓްކުރަމުންދާއިރު، މީގެތެެރެއިން ދުއިސައްތަ ފަންސާހަށްވުރެ ގިނަ ދިވެހިން މަސައްކަތްކުރަނީ ހަތް ރިސޯޓެއްގައިކަމުން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ވޯޓް ފޮށި ބަހައްޓަން ނިންމީ އެ ހަތް ރިސޯޓުގައި އެކަނިކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން، ސަތޭކައަށްވުރެ ގިނަ މުޢައްޒަފުން މަސައްކަތް ކުރާ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާގޮތަށް ނިިންމާފައިވާއިރު، މި ޢަދަދު ހަމަވާ 77ރިސޯޓް ރާއްޖޭގައި އެބައޮތެވެ.
އިލެކްޝަންސް ކޮމިޝަންގެ ރަޢީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން މި 77ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމާއި ގުޅޭގޮތުން ރިސޯޓުތަކާއިއެކު މަޝްވަރާކުރިކަމަށެވެ. ނަމަވެސް ވޯޓުލުމުގެ އިދާރީކަންކަން ފަހިކޮށްދޭނެކަމަށްބުނެ، ރިސޯޓުގައި ފޮށި ބެހެއްޓުމުގެ ހުއްދަ ދީފައިވަނީ 36ރިސޯޓުންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި 36ރިސޯޓުގައި ފޮށި ބަހައްޓަން ނިންމާފައިވާކަމަށާއި، އިތުރު ރިސޯޓްތަކަށް ދެން ވޯޓް ފޮށި ބެހެއްޓުމުގެ ފުރުޞަތު ނުދޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މި 36ރިސޯޓުން ވޯޓުލާން ރަޖިސްޓްރީކުރާ މީހުންގެ ޢަދަދު 100އަށްވުރެ މަދުނަމަ، އެ ރިސޯޓެއްގައި ފޮށި ނުބައްހައްޓާނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރަޢީސް އަޙްމަދު ޝަރީފް ވިދާޅުވީ ބައެއް ރިސޯޓްތަކުން އެ ރިސޯޓުތަކުގައި ފޮށި ބެހެއްޓުމާއި ދެކޮޅު ހަދާފައިވަނީ، ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އުދަނގޫކަމެއް ކުރިމަތިވެދާނެތީއާއި، ކައިރި ބައެއް ރަށްތަކުގައި މުޢައްޒަފުންނަށް ވޯޓް ލެވޭނެ އިންތިޒާމު ހަމަޖެހިފައިވާތީއެވެ.
ވޯޓު ފޮށި ނުބަހައްޓާ ރިސޯޓްތަކުގެ މުއްޒަފުންނަށް ވޯޓްލެވޭނީ، ކައިރި ރަށްތަކަށް ނުވަތަ ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަނުން ކަނޑައަޅާފައިވާ ސްޓޭޝަނެއްގައި ރަޖިސްޓްރީކުރުމުންނެވެ.
ވޯޓް ފޮށި ބަހައްޓާ ރިސޯޓްތައް 7ރިސޯޓުން 36 ރިސޯޓަށް އިތުރުކުރުމާއިއެކު މިހާރު ވޯޓްފޮށީގެ ޖުމްލަ އަދަދަކީ 483އެވެ.