ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންވާ މީހަކަށް ވޯޓްލުމުގައި އެހީތެރިވެދެވޭނެ


އަންނަ ރިޔާސީ އިންތިހާބުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓްލުމުގައި އެހީތެރިވާނީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންކަމަށް ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނުން ބަދަލުކޮށްފިއެވެ.

ނުކުޅެންދުންތެރިކަން ހުންނަ ނުވަތަ ޖިސްމާނީ ގޮތުން އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ވޯޓްލުމުގައި މީގެ ކުރީގެ އިންތިހާބުތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން އައީ އެމީހަކު ބޭނުންވާ ނުވަތަ ކޮންމެވެސް އާއިލީ މީހެކެވެ. އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް އިލެކްޝަންސް ކޮމިޝަނުން މިފަހަރު ކަނޑައަޅާފައި އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓްލުމުގައި އެހީތެރިވާނީ އެ ކޮމިޝަންގެ އޮފިޝަލުންކަމަށެވެ. ކޮމިޝަންގެ މި ނިންމުމާއި އެކު އިދިކޮޅު ފަރާތްތަކުންވަނީ އެ ނިންމުމަށް ބަދަލުކުރުމަށް ގޮވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބަދަލުކުރިކަން އިއުލާންކުރައްވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓްލުމުގައި އެމީހަކަށް ކޮންމެ މީހަކަށްވެސް އެހީތެރިވެވިދާނެކަމަށެވެ. އެހެންނަމަވެސް އެ މީހަކީވެސް އެ ފޮއްޓަށް ވޯޓްލާން މީހަކަށް ވާންޖެހޭނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ޤަވައިދުގައިވަނީ ވޯޓް ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ނުކުޅެދުންތަރިކަން ހުންނަ މީހަކު ވޯޓް ކަރުދާހުގައ ފާހަގަޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީތެރިވެދިނުމަކީ ހުއްދަކަމެއްކަމަށެވެ. އަދި އެކަން ކުރަންވާނީ އެ ވޯޓް ފޮއްޓެއްގެ ކައިރީގައި ހުރި އިސްވެރިޔާގެ ހުއްދަ އާއި އެކުކަމަށާއި އަދި އެމީހަކަށް އެހީތެރުިވެދިން މީހާގެ ނަމާއި އެޑްރެހާއި އައިޑީ ކާޑް ނަންބަރު ނޯޓްކުރަން ޖެހޭނެކަމަށްވެސް ރިޔާސީ އިންތިހާބުގެ ޤަވައިދުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން އަަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 262،141 މީހުން ވޯޓުލުމުގެ ހައްޤު ލބިގެންވެއެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަސް ޤައުމެއް ހިމެނޭހެން މިފަހަރުގެ އިންތިޚާބުގައި 454 ވޯޓުފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.