ޚަބަރު

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ޢާއްމު ދިރިއުޅުމަށް ހުރަސްއެޅިފައި


ޖަޕާނުގައި އާދަޔާޚިލާފަށް ހޫނު ގަދަވެ، ޢާއްމު ސިއްޙަތަށް އެކަމުގެ އަސަރުކުރުން އެކަށީގެންވާތީ، ގަދަ ހޫނަށް ސަމާލުވުމަށް ޖަޕާނުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޖަޕާނުގައި އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން، ތިރީސް މީހުންގެ މަރުވެފައިވާކަމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ ސިއްޙީ އެކި މައްސަލަތަކުގައި އެއްހާހަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓާތަކުގައި ފަރުވާ ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ އެގައުމުގެ މެދުތެރޭގެ ސަރަހައްދުތަކުގެ ފިނިހޫނުމިން މިވަގުތު އެވަރެޖްކޮށް ހުރީ ސާޅީސް ޕޮއިންޓް ހަތެއް ޑިގްރީ ސެލްސިއަސްގައި ކަމަށާއި، މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މި ޢަދަދު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރުކަމަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ކަމަކުން ރައްކާތެރިވުމަށް، އެކަށިގެންވާ ފިޔަވަޅުއެޅުމަށް އެ ޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް މި މަހުގެ ކުރީކޮޅު ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް، އެ ޤައުމުގައި އާދަޔާޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އެކަށީގެންވާ އެހީތެރިކަން ނުދެވޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިމަހު ކުރީކޮޅުވެސް އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން، ޖަޕާނުގައި ދުއިސައްތަ މީހުން މަރުވިއެވެ.