ޚަބަރު

ތިނަދޫ މިއުޒިއަމް ޕާރކްގެ މަސައްކަތް މިމަހުގެތެރޭގައި ނިންމާލާނަން - އެމްޓީސީސީ


ގދ.ތިނަދޫގައި ސަރުކާރުން ތަރައްޤީކުރާ މިއުޒިއަމް ޕާރކުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީއިން ބުނެފިއެވެ. މި ޕާރކަކީ އަތޮޅުތެރޭގައި މިގޮތަށް ތަރައްޤީކުރާ އެންމެ ފުރިހަމަ ޕާރކެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ކުރަމުންގެންދަނީ މިއުޒިއަމް ޕާރކުގައި އަޅާ މަލްޓިޕަރޕަސް ޢިމާރާތުގެ މަސައްކަތާއި ޕާރކުގައިި ހަދާ ފައުންޓެއިންގެ މަސައްކަތެވެ. އެމްޓީސީސީން ބުނީ މި މަސައްކަތްތަކުގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ޢިމާރާތް ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކުދިކުދި ކަންތައްތައް ނިންމުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަސައްކަތްތައް ނިންމާލުމާއިއެކު މިއުޒިއަމް ޕާރކުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީން ބުނީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކޮށްފައިވަނީ ޢިމާރާތައް ބައެއް ބަދަލުތައް ގެނައުމާއެކު، އެބަދަލާއެއްގޮތައް ޢިމާރާތުގެ މަސައްކަތް ނިންމުމުގެ ގޮތުން ކަމަށެވެ.

ތަފާތު ކޮންސެޕްޓަކަށް ތަރައްޤީކުރާ މި ޕާރކުގައި ދާރުލްއާސާރަކާއި، ސްޕޯޓްސް ކޮމްޕްލެކްސަކާއި، އޮޑިޓޯރިއަމަކާއި، ލައިބްރަރީއާއި، ލަރނިންގ ސެންޓަރެއްގެ އިތުރުން އެކި ބައްދަލުވުންތަކަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހޯލެއްވެސް ޤާއިމުކުރާނެއެވެ. އަދި ހިތްގައިމު ފައުންޓެއިނެއްގެ އިތުރުން ކުޑަކުދިންނަށް އެކި ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ސަރަޙައްދެއްވެސް މިއުޒިއަމް ޕާކުގައި ހިމެނެއެވެ.

ޕާކުގެ ލޭންޑް ސްކޭޕިންގގެ މަސައްކަތްތައް ކޮށްފައިވަނީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެދަށުން އެމްއާރްޑީސީންނެވެ. މި މަސައްކަތްތައްވެސް މިހާރުވަނީ އެއްކޮށް ނިންމާފައެވެ.
މިއުޒިއަމް ޕާރކުގެ މަސައްކަތް ފަށާފައިވަނީ 2015ވަނަ އަހަރެވެ. ތިނަދޫ މިއުޒިއަމް ޕާރކަކީ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ޕާކެކެވެ.
ތިނަދޫއަކީ އާބާދީގައި ހަތަރުހާސް ފައްސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.