ސިޔާސީ

ރިޔާސީ އިންތިޚާބުގެ އޮފިޝަލުން ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި


ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

އިންތިޚާބުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން ޢިއުލާންކުރި މީދެވަނަ ފަހަރެވެ. މިފަހަރު އިޢުލާންކޮށްފައިވަނީ އެކޮމިޝަނުން ކުރިންކުރި އިޢުލާނަށް އެކަށީގެންވާ ޢަދަދެއްގެ އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެހެންކަމުން އޮފިޝަލުންނަށްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކޮށްފައިވާ ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމުގެ މުއްދަތު މިމަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާހަމައަށް އެކޮމިޝަނުން ވަނީ އިތުރުކޮށްފައެވެ.

ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލަކަށްވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަމަށް ވެގެންނުވާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ އަދި އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކަށްވެސް އެ މީހަކު ވެގެން ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒް ކުރަމުންދާ އެއްވެސް މީހަކަށް މިކަމަށް ކުރިމަތި ނުލެވޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މީގެއިތުރުން މިކަމަށް މީހުން ހޮވުމުގައި ތަޢުލީމީ ފެންވަރަށާއި ޢަމަލީ ތަޖުރިބާއަށްވެސް ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ ވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނަށް އުޖޫރައެއްގެ ގޮތުގައި އެއްހާސް ފަސްސަތޭކަ ރުފިޔާ އަދި ވެރިޔާގެ އެހީތެރިންގެ ގޮތުގައި ޙަރަކާތްތެރިވާ މީހުންނަށް އެއްހާސް ދުއިސައްތަ ރުފިޔާ ހަމައެކަނި ވޯޓުލާ ދުވަހު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް އެއްހާސް ރުފިޔާ، އަދި ރިޒަރވް އޮފިޝަލެއްނަމަ ފަސްސަތޭކަ ރުފިޔާ ހަމައެކަނި ވޯޓުލާ ދުވަހު އުޖޫރައެއްގެ ގޮތުގައި ދިނުމަށް އެކޮމިޝަނުން ވަނީ ނިންމާފައިވެއެވެ. މީގެ އިތުރުން ވޯޓުލާދުވަހު ކެއުމުގެ ކަންކަންވެސް އެ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެހިގެންދާނެކަމަށް އެކޮމިޝަނުން ބުނެއެވެ.

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެކަމަށް ޚާއްސަ ތަމްރީނެއް ފުރިހަމަކުރަންޖެހޭއިރު، މި ތަމްރީނު ފުރިހަމަނުކުރާ މީހުންނަށް ފުރުޞަތު ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށައަޅާފާސް ދޫކޮށްފިނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ ބަޔަކު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާއިރު، ރިޔާސީ އިންތިޚާބު މޮނިޓަރކުރަން ބޭނުންވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތުވެސް އެކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި، ރާއްޖޭން ބޭރުގެ 5 ޤައުމެއް ހިމެނޭހެން ޖުމްލަ 454 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.