ޚަބަރު

ދިވެހިންނަށް ގްރީސް ސްކޮލަރޝިޕްގެ ފުރުޞަތު


ގްރީސް ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

ގްރީސް ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ހުޅުވާލާފައިވަނީ ބެޗެލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޑޮކްޓަރ އިން ފިލޯސޮފީ ގެ ފެންވަރުގެ ކޯސްތަކެވެ. ސްކޮލަރޝިޕަށް ހޮވޭ ކުދިން ކިޔެވުމަށް ހަމަޖެހިފައިވަނީ ގްރީސްގެ ޔުނިވަރސިޓީތަކުގައިކަމަށާއި، ގްރީސް ގެ ޔުނިވަރސިޓީ ތަކުގައި ކިޔަވައިދޭ ކޮންމެ ދާއިރާ އަކުންވެސް ސްކޮލަރޝިޕަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނާގޮތުގައި މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ސްކޮލަރޝިޕަށް ކުރިމަތިލާ އިރު، ބެޗެލަރސް ޑިގްރީ އަށް ކޮލިފައިވާކަމުގެ ލިޔުމެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ހުށައަޅަން ޖެހެއެވެ. އަދި މާސްޓަރސް އާއި ޕީ.އެޗް.ޑީ ފެންވަރުގެ ކޯހަށް ކުރިމަތި ލާ ދަރިވަރުން އެކެޑެމިކް ރިކޮމޭންޑޭޝަން ލެޓަރ ގެ ދެ ކޮޕީ އެއް ހުށަހަޅަން ޖެހެއެވެ.

ސަރުކާރު ގެ އެހީގައި މީގެ ކުރިން ކޯހެއް ހަދާފައިވާ ނަމަ، ސަރުކާރުން ލިބުނު އެހީ އަކާއި ގުޅޭގޮތުން އެ ޑިޕާރޓްމެންޓުން ކަނޑައަޅާފައިވާ މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހަޅާ، ބޮންޑެއް އަދާކުރާ ނަމަ، ބޮންޑު އަދާ ކުރާ ތަނަކުން އެ މީހަކު މި ކިޔަވަން ދޫކުރާނެ ކަމުގެ ލިޔުމެއްވެސް ސްކޮލަރަޝިޕަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހޭނެކަމަށް ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ސްކޮލަރޝިޕަށް ހޮވި އެކަން އަންގާތާ 24 ގަޑިއިރު ގެ ތެރޭގައި ސްކޮރޝިޕްގެ ފުރުޞަތު އަމިއްލައަށް ދޫކޮށްލައިފިނަމަ، އެ މީހަކު ބްލެކް ލިސްޓް ކުރާނެކަމަށްވެސް ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ގްރީސް ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ގުޅޭ އިތުރު މަޢުލޫމާތު ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ގެ ވެސްބައިޓް މެދުވެރިކޮށް ލިބެން ހުންނާނެކަމަށާއި، ސްކޮލަރޝިޕަށް ޝަރުތު ހަމަވެ ޝައުޤުވެރިވާ ދަރިވަރުން ކޯހަށް އެދުމަށް ތަކެތި ހުށަހަޅާނީ ވެލާނާ ގޭގެ ދެ ވަނަ ފަންގިފިލާގައި ހުންނަ ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން ގެ ކައުންޓަރަށްކަމަށް ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުންބުނެއެވެ. ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އާއި 14:00 ދޭތެރޭ ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުގެ ކައުންޓަރުން ލިބެން އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.