ޚަބަރު

ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ވަގުތު ނަގާނެ- ޕޮމްޕެއޯ


އުތުރު ކޮރެއާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ގޮވާލާ، އެ ޤައުމާއެކު އެއްބަސްވުމެއް ޤާއިމުކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވަޒީރުންގެ މަޖިލީހެއްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ވިދާޅުވީ، މިކަން ހާސިލްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މިކަމުގައި އެމެރިކާއިން ބޭނުންވާ އަމާޒަށް ވާޞިލުވުމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. ޕޮމްޕެއޯ ވިދާޅުވީ، އުތުރު ކޮރެއާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލަން ބޭނުންވާކަން، އެ ޤައުމުން ކަށަވަރުކޮށްދީފައިވާ ކަމަށާއި، އެ ޤައުމވެސް އޮތީ އެ މަސައްކަތަށް ތައްޔާރަށްކަމަށެވެ.

އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައާ ގުޅިގެން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކައިގެން ކުރިއަށްދާނެކަމަށް، ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެމެރިކާގެ ޚާރިޖީވަޒީރު މިހެން ވިދާޅުވެފައި މިވަނީ، އުތުރު ކޮރެއާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އެމެރިކާއިން ވަކި މުހުލަތެއް ކަނޑައަޅާފައި ނުވާކަމަށާއި، މިކަމަށް ވަގުތު ނަގާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.