ޚަބަރު

ބޭރުގައި ބަހައްޓާ ފޮށިތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި


ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ބޭރުގެ ޤައުމުތަކުގައި ދިރި އުޅޭ ދިވެހިންވެސް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސެޕްޓެންބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އަވައްޓެރި އިންޑިއާގެ ދިއްލީއާއި ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިއާގެ ކުއަލަލަންޕޫރާއި، އިނގިރޭސި ވިލާތުގެ ލަންޑަންގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ރާއްޖެއާ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހުޅުވާލާފައިވަނީ މިމަހުގެ 17 އިން އަންނަ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު ވޯޓު ފޮށި ބަހައްޓާ ހަތަރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން މި މުއްދަތުގެ ތެރޭގައި ރީރަޖިސްޓްރީވުމުގެ ފުރުސަތު ހޮނިހިރު އަދި އާދިއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިންޑިއާގައި ރީރަޖިސްޓްރީ ކުރުން ކުރިއަށްދާނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުގައެވެ. ސްރީލަންކާ، މެލޭޝިއާ އަދި އިނގިރޭސިވިލާތުގައި ރީރަޖިސްޓްރީ ކުރުން ކުރިއަށްދާނީ އެ ޤައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީގައެވެ. ރީރަޖިސްޓްރީ ވުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެކޮމިޝަނުން ބުނެއެވެ.
ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާގެ މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލާއި ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައި ނުގަންނާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް އަންނަ ރިޔާސީ އިންތިޚާބަށް އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.