ޚަބަރު

ނަޝީދުގެ ސަރުކާރުން އައިލޭންޑް އޭވިއޭޝަން ހުއްޓާލާ، މަސައްކަތް އެހެން ބަޔަކަށް ވިއްކާލަން ނިންމި - ރައީސް ޔާމީން


ރައީސް ނަޝީދުގެ ސަރުކާރުން، އައިލޭންޑް އޭވިއޭޝަންގެ މަސައްކަތް ހުއްޓާލުމަށްފަހު، އެމަސައްކަތް އެހެން ބަޔަކަށް ވިއްކާލަން ނިންމިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫ ރައްޔިތުންނާއި މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ނަޝީދުގެ ސަރުކާރުން، ބޮޑެތި ކުންފުނިތަކުގެ ހިއްސާ ވިއްކާލި މައްސަލައަށް އިޝަރާތްކުރައްވާ، އެކަންކުރެއްވީ ކީއްވެގެންތޯއާއި އެކަމުންކުރީ ކޮންފައިދާއެއްތޯ ސުވާލުކުރައްވާފައެވެ. އެގޮތުން އައިލޭންޑް އޭވިއޭޝަންގެ މަސައްކަތް ހުއްޓާލާ، އެމަސައްކަތް އެހެން ބަޔަކަށް ވިއްކާލަން ނިންމެވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގިފައިއޮތް ގޮތުން ވެއްޖީޔާ، އެކުންފުނި [އައިލޭންޑް އޭވިއޭޝަން] ހުއްޓާލުމަށްފަހު އެކުންފުނީގެ މަސައްކަތް ބަޔަކަށް ވިއްކާލަން އޭރު އޮތް ސަރުކާރުން އޮތީ ނިންމާފަ. އެކަމަކު އެކުންފުނި ވިއްކާލިނަމަ މިއަދު އަޅުގަނޑުމެން ކޮންތާކުތޯ އުޅޭނީ. މިއަދުއައިސް ތިލަދުންމަތީގައި އައިސް އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ތިލަދުންމައްޗާއި ހދއަށް އަޅުގަނޑު ބޭނުންވެއޭ 3000 އެނދުއިތުރުކުރަން. 3000 އެނދު އިތުރުކުރާއިރު މިތަންތަނުގައި އެއަރޕޯޓް ނެހެދި ކޮންގޮތަކަށްތޯ 3000 އެނދު އިތުރުކުރަނީ. އެެހެން ވީމާ މިކަންކުރާއިރު އަޅުގަނޑުމެންގެ މީހުން އުފުލަން އަޅުގަނޑުމެންގެ އެއަރލައިން އޮންނަންޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ނަޝީދުގެ ސަރުކާރުން، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލުމަށްފަހު އެކުންފުންޏާއެކު ހަދާފައިވާ އެގްރީމަންޓަށް ބަދަލުގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިބަދަލުގެ ސަބަބުން ފެނު އަގު ހެޔޮކުރުމަށް ހުރަސްއެޅިފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެން ބޭނުންވާ އަގަށް ފެނުގެ އަގު ހެޔޮނުކުރެވިގެން މިއުޅެނީ. އޭގެ ޖަވާބު އެބަޖެހޭ ވިދާޅުވެ ދެއްވަން. އެމްޑަބްލިއުއެސްސީގެ ހިއްސާއަކީ އަޅުގަނޑުމެންގެ އަޣްލަބިއްޔަތުއޮތް ހިއްސާއެއް. އަޅުގަނޑުމެންގެ ބޮޑު ބައެއް އޮތް ހިއްސާއެއް ކީއްވެގެންތޯ އޭގެ ބޮޑުބައެއް ބޭރު ބަޔަކަށް ވިއްކާލަން ޖެހުނީ. ކީއްވެގެންތީ ވިދާޅުވެ ދެއްވަންޖެހޭ. ދެން އޮތީ އެގްރީމަންޓް އެމީހުންގެ އާމްދަނީން، ނޫނީ ކުންފުނީގެ އާމްދަނީން، ކުންފުނީގެ ސާފު ފާއިދާ ވަކި ޕަސެންޓޭޖެއް (ރޭޓް އޮފް ރިޓާން) އެއް އޮންނަނަޖެހޭ ކަމަށް، ވަކިއަދަދެއް އޮންނަޖެހޭ ކަމަށް ވަނީ ހަދާފަ. އެ އަދަދު ހޯދުމަށްޓަކާއި ފެނުގެ އަގު ހެޔޮނުކުރެވިގެން މިއުޅޭނީ. އެކަން ނުކުރިނަމަ ދިވެހި ދައުލަތުގެ ސައްތައިންސައްތަ ކުންފުންޏެއްގެ ގޮތުގައި އޮތްނަމަ، ފެނު އަގު މިއަދު ހެޔޮވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ނަޝީދުގެ ސަރުކާރުން ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުން، އެކަމަށް ފާޑުވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިރާގު ހިއްސާގެ ބޮޑު ބަޔެއް ސަރުކާރުން ގަނެފައިވަނިކޮށް، އެކުންފުނިވެސް ބޭރު ބަޔަކަށް ވިއްކާލިކަމަށެވެ. އަދި އެކުންފުނީގެ ބޯޑުގައި އެމަނިކުފާނު މަސައްކަތްކުރެއްވިއިރު ބޭނުންފުޅުވީ ދިރާގުގެ ހިއްސާ ގަންނަމުންގޮސް ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް ހޯދުންކަމަށެވެ. ނަމަވެސް ނަޝީދުގެ ސަރުކާރުން، ކުންފުނީގެ ހިއްސާގެ ބޮޑު ބައެއްވަނީ ވިއްކާލާފައެވެ.

"އަޅުގަނޑުމެން 55 ޕަސެންޓް ހިއްސާ ގަނެފަ އޮތްވާ، ދެންއައި ސަރުކާރުން ހިއްސާތައް ވިއްކާލީ. އަނެއްކާވެސް އެއިން ލިބުނު ފައިދާއެއް އަޅުގަނޑަކަށް ނުވިސްނޭ. ރާއްޖޭގެ ސަރުކާރު ހިއްސާވާ އެންމެ ވަރުގަދަ ދެ ކުންފުނި ނުވަތަ ތިން ކުންފުނިނަގާނަމަ އެއް ކުންފުންޏަކީ ދިރާގު. އެކުންފުނީގެ ހިއްސާ އަޅުގަނޑުމެން ނުޖެހޭ ވިއްކާކަށް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް، އިންޑިޔާގެ ޖީއެމްއާރ ކުންފުންޏަށް ވިއްކާލި މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، 1 ބިލިއަށް ޑޮލަރު ހޯދައިގެން ތަރައްޤީކުރާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، އިދިކޮޅު ފަރާތްތަކުން ވެރިކަމަށްވަޑައިގެން ނުވިއްކާނެ ކަމުގެ ޔަޤީންކަން ރައްޔިތުން ހޯދަންޖެހޭކަމަށެވެ.

"ދެން އޭބޭފުޅުުން ވެރިކަމަށް ވަޑައިގެންފީޔާ ރައީސް ޔާމީން 1000 މިލިއަން ޑޮލަރު ހޯދައިގެން އަޅާ އެއަރޕޯޓް ދެންވެސް ވިއްކާނުލާނެ ކަމުގެ ކަށަވަރުކަން ލިބޭނީ އޭރުން. އެބޭފުޅުން އެކަންކުރެއްވި ގޮތާއި އެކަންކުރި ވިސްވުމާއި އެއިންވީ ފައިދާއާއި ރަނގަޅަށް ރައްޔިތުންނަށް އެބަ ވިދާޅުވެ ދެއްވަންޖެހޭ" ރައީސް ވިދާޅުވިއެވެ.

ކުންފުނިތަކުގެ ހިއްސާގެ ވާހަކަ ރައީސް ފާހަގަކުރެއްވިއިރު، ރާއީސް ނަޝީދުގެ ސަރުކާރުން ގެންގުޅު ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން ސަރުކާރު ހިއްސާވާ ބޮޑެތި ގިނަ ކުންފުނިތަކުގެ ހިއްސާވަނީ ވިއްކާލާފައެވެ. އެގޮތުން ހިއްސާ ވިއްކި ކުންފުނިތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާއި ދިރާގު ހިމެނެއެވެ. އަދި ވަލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން އެއްކޮށް، އިންޑިޔާގެ ޖީއެމްއާރ ކުންފުންޏާ ހަވާކުރިއެވެ.