ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާ ދޭތެރޭ ރާއްޖޭގެ ޒުވާނުން ހޭލުންތެރިކުރުވުމަށް ބާއްވާ މޯލްޑިވްސް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އެމްވީއެމްޔޫއެން)ގެ ދުވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްވީއެމްޔޫއެންގެ މިއަހަރުގެ އެޑިޝަންގައި 13 އަހަރާއި 25 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށް އެމްވީއެމްޔޫއެންގެ އެކްޒެކެޓިވް ކޮމިޓީއިން މައުލޫމާތުދެއެވެ.
މޯލްޑިވްސް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އެމްވީއެމްޔޫއެން)އަކީ ބައިނަލްއަޤްވާމީ އިންސާނީއެހީއަށް މަސައްކަތްކުރާ ޖަމްޢިއްޔާ އދގެ މަސައްކަތްތަށް ހިނގާގޮތާއި މެދު ޒުވާނުން ހޭލުންތެރިކޮށް އދގެ ދައުރު ތަފްޞީލީގޮތަކަށް ޒުވާނުންނަށް ބަޔާންކޮށްދިނުމަށްޓަކައި ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.
ޤައުމީ އަދި ބައިނަލްއަޤުވާމީ ގިނަ މައްސަލަތަކަކާ މެދު ވާހަކަ ދައްކާ މަޝްވަރާކުރުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުގައި މި ކޮންފަރެންސް ބާއްވަމުން އަންނަތާ 80 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ރާއްޖެ މިހާރު މިވަނީ އެމްޔޫއެން ދެވަނަ ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވެފައެވެ.
އެމްވީއެމްޔޫއެން 2018ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އޮފް ޕަބްލިކް ރިލޭޝަންސް ރާއިދު ސައީދު ބުނިގޮތުގައި މިއަހަރުގެ އެޑިޝަންގައި 13 އަހަރާއި 25 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، އެޑްމިޝަން ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއަކުވެސް ދުއިސައްތަ ރުފިޔާ ދައްކަން ޖެހޭނެކަމަށެވެ.
މިދިޔައަހަރާއި ޚިލާފަށް މިއަހަރު އެމްވީއެމްޔޫއެންގައި 8 ކޮމިޓީއެއް އޮންނަ އިރު ކޮންމެ ކޮމިޓީއަކަށްވެސް އދގައި އެ ކޮމިޓީއެއްގެ ދައުރުގެ މައްޗަށް ބިނާކޮށް މައުޟޫއެއްވަނީ ކަނޑައަޅާފައެވެ.
އަންނަ އޮގަސްޓަމަހުގެ 2ކުން 4ކަށް ވިލާ ކޮލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ އެމްވީއެމްޔޫއެންގައިވެސް ކޮންފަރެންސްގެ ކުރިން ޕްރެކްޓިކަލް ސެޝަންތަކެއް މި ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ރާއިދު ފާހަގަކުރިއެވެ. މި ކޮންފަރެންސްގެ ބޭނުމަކީ ޤައުމީ އަދި ބައިނަލްއަޤުވާމީ ކަންކަމުގައި އިސްރޯލެއް އަދާކުރަންކެރޭ ޒިންމާދާރު ޖީލެއް ބިނާކުރުންކަން ފާހަގަކޮށް ރާއިދު ވަނީ މިފަދަ ކޮންފަރެންސެއްގެ ފުރިހަމަ ބޭނުން ހިފުމަށް ދިވެހި ޒުވާނުންނަށް ގޮވާލާފައެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެމްވީއެމްޔޫއެންގެ ކޮންމެ ކޮމެޓީއަކުންވެސް އެންމެ މޮޅު ޑެލިގޭޓާއި، މުޅި އެމްޔޫއެންއިން އެންމެ މޮޅު ކޮމިޓީ ހޮވުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެންސް ނިންމުމުން ކޮންމެ ބައިވެރިއަކަށްވެސް ބައިނަލްއަޤުވާމީގޮތުން ބަލައިގެންފައިވާ ސެޓްފިކެޓެއް ލިބިގެންދާނެކަމަށް އެމްވީއެމްޔޫއެންއިން މައުލޫމާތުދެއެވެ.