ޚަބަރު

"ބައިނަލްއަޤުވާމީ ކޮންފަރެންސްތަކެއް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ކާމިޔާބީ ދައްކުވައިދޭކަމެއް"


އިންޓަނޭޝަނަލް ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފަދަ ބައިނަލްއަޤުވާމީ ބޮޑެތި ކޮންފަރެންސްތަށް ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުން އާންމުވެގެންގޮސްފައިވުމުން ހާމަވެގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ސިޔާސަތުތަކުގެ ކާމިޔާބީކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ދެވަނަ އިންޓަނޭޝަނަލް ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ ހަލާލް ކޮންފަރެންސް ފަދަ ބޮޑު ކޮންފަރެންސެއް ބައިނަލްއަޤުވާމީ ފެންވަރެއްގައި ބޭއްވުމުގެ ފުރުސަތު ލިބުމަކީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވަރަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމެކެވެ. މިމޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ އަޒްލީންވަނީ ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ހަލާލް މާރކެޓް އިންޑަސްޓްރީގެ މުހިންމުކަން ފާހަގަކުރައްވާ، އިންޑަސްޓްރީގައި ހުރި ފަހި ފުރުޞަތުތަށް މިފަދަ ކޮންފަރެންސެއްގެ ޒަރިއާއިން ފަސޭހައިން ދެނެގަނެވިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މިހާރު ހަލާލް ސެޓްފިކެޓް ޖަހަނީ ހަމައެކަނި މަސްވެރިކަމުގެ ދާއިރާގެ ބައެއް އުފެއްދުންތަކުގައި ކަމުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގައި ހަލާލް އިންޑަސްޓްރީގެ ދައުރު އިތުރުކުރުމަށްވެސް މިފަދަ ކޮންފަރެންސްތަކުން އެހީތެރިވެދޭނެކަމަށެވެ. އެގޮތުން ހަލާލް ސެޓްފިކެޓުގެ މާރކެޓްގައި ރާއްޖެއިން އަދާކުރާ ރޯލު ކުރިއަށް އޮތްތަނުގައި އިތުރުކުރުން ވަރަށްވެސް މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ބައިނަލްއަޤުވާމީ ބޮޑެތި ކޮންފަރެންސްތައް ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުން އާންމުވެގެންގޮސްފައިވުމުން ހާމަވެގެންދަނީ ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކުގެ ކާމިޔާބީކަން ފާހަގަކުރައްވާ މިނިސްޓަރ އަޒްލީން ވިދާޅުވީ ރާއްޖޭގެ 13 ކުންފުންޏަކުން އިސްލާމިކް ފައިނޭންސިންގ ގެ ޚިދްމަތްދިނުމަކީ މިކަން އިތުރަށް ހާމަވެގެންދާކަމެއްކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ އުޞޫލުތަށް ދަމަހަށްޓާ ނެގެހެއްޓުމައްޓަކައި ވަރުގަދަ ޤާނޫނާއި ޤަވާއިދުތަކެއް ތަންފީޒުކުރަމުންދިއުމަކީ މި ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީ ރަމްޒުކޮށްދޭކަމެއްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދެވަނަ އިންޓަނޭޝަނަލް ހަލާލް މެނޭޖްމަންޓް ކޮންފަރެންސްގައި މިނިސްޓަރ އަޒްލީންވަނީ ރާއްޖޭގައި މިހާތަނަށް ނެރޭ ފުރަތަމަ އިސްލާމިކް ފައިނޭންސްގެ ފުރަތަމަ ވޮލިއުމް ނެރެދެއްވާފައެވެ. "ލާބަ"ގެ ނަމުން ނަންދީފައިވާ މި މެގަޒިންއަކީ މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ރާއްޖެއާއި ރާއްޖޭން ބޭރުގެ އިސްލާމިކް ފައިނޭންސްގެ މާހިރުންގެ ވާހަކަތަކާއި މައުލޫމާތުތަށް ހިމަނައިގެން ތައްޔާރުކޮއްފައިވާ މެގަޒިންއެކެވެ.