ވިޔަފާރި

އައްޑޫ ސިޓީގައި އިސްލާމިކް ކޮންވެންޝަން ސެންޓަރެއް މިއަހަރު ގާއިމްކުރަނީ






 


އިސްލާމީ ކަންކަން ކުރިއެރުވުމަށް މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި އިސްލާމިކް ކޮންވެންޝަން ސެންޓަރެއް ގާއިމްކުރެވިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.


 
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.


 
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީގެ ތަރައްގީއާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫގައި ވީހާވެސް ގިނަ މީހުންނަށް ނަމާދު ކުރެވޭނެ މިޒަމާނުގެ މިސްކިތެއް ބިނާކުރުމަށް ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅިކަމަށާއި، ނަމަވެސް ކައުންސިލާއި އައްޑޫގެ ގިނަ ރައްޔިތުންގެ ވިސްނުން ހުރީ މިސްކިތެއްގެ ބަދަލުގައި އައްޑޫގައި ދީނީ ކަންކަން ކުރެވޭނެ، އަދި ގުރުއާން ކުލާސްތައްވެސް ހިންގޭ ފަދަ އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް އިސްލާމިކް ކޮންވެންޝަން ސެންޓަރެއް އެޅުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ބޭނުންވާ ބަޖެޓް މިހާރު ހަމަޖެހިފައިވާއިރު، އެކަމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
މީގެ އިތުރުން އައްޑޫ ސިޓީގައި ވަގްފް ބިލްޑިންގއެއް އެޅުމަށް ނިންމާފައވާކަމަށާއި،  އެ އިމާރާތް އެޅުމަށް މިހާރު ބިންވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.



ރާއްޖޭގެ ހުރިހާ މިސްކިތްތައް މަރާމާތު ކުރުމަށް މިއަހަރު ތެރޭ 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި، އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އައްޑު ސިޓީގެ 65 މިސްކިތެއް މަރާމާތު ކުރުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ، މިސްކިތްތައް މަރާމާތު ކުރުމުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައި ވަނީ އޯޕީޕީއާއި ކަމަށާއި، އެމިނިސްޓްރީން ކުރަމުން އައީ އިދާރީ މަސައްކަތްތައްކަމަށެވެ. ނަމަވެސް ނިމުނު ހަފްތާގައި ރައީސް އޯޕީޕީ އުވާލެއްވުމާއެކު މިހާރު މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ފަސޭހަތަކެއް ލިވބެގެންދާނެކަމަށް ވިދާޅުވިއެވެ.


 
މީގެއިތުރުން، އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީގެ ހަދާނުގައި ރ. އުނގޫފާރުގައި އިމާރާތް ކުރުމަށް ސަރުކާރުން ނިންމާފައިވާ އިސްލާމީ ބިނާ އިމާރާތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ.