ކުޅިވަރު

ތިމަރަފުށި ބަލިކޮށް، ފެހެންދޫ ފުރަތަމަ މޮޅު ހޯދައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ތިމަރަފުށި ބަލިކޮށް، ފެހެންދޫ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފިއެވެ.

ފެހެންދޫ ފުރަތަމަ މޮޅު ހޯދީ 1-0 ން ތިމަރަފުށި ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އަހުމަދު ނިޒާމްއެވެ. ދިވެހި ޕްރިމިއަރ ލީގުގެ 2 ވަނަ ބުރުން ޖާގަ ލިބޭނީ އަށް ޓީމަށެވެ. އަށް ޓީމްގެ ތެރޭގައި ހިމެނުމަށް މިއީ ފެހެންދޫއަށް މުޙިއްމު މޮޅެކެވެ. މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ތިމަރަފުށިން ކުޅުނު ނަމަވެސް، ނުރައްކާތެރި ހަމަލާތައް އުފައްދާފައިވަނީ ފެހެންދޫއިންނެވެ. ނަމަވެސް މެޗުގައި ލަނޑު ޖަހަން ދެޓީމަށްވެސް ފުރުޞަތު ލިބުނެވެ. އަވަސް ކުޅުމެއް ފެނުނު މިމެޗުގެ ދެވަނަ ހާފް ނިމެންދަނިކޮށް ޕޮއިންޓެއް ހޯދަން ތިމަރަފުށްޓަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ.

މެޗަށްފަހު ބ.އަތޮޅު ފެހެންދޫ ޓީމްގެ މެނޭޖަރ މޫސާ ނަސީމް ބުނީ މިލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި މިއީ ޓީމްގެ ހުރިހާ ކުޅުންތެރިންވެގެން، ޓީމެއްގެ ގޮތުގައި ކުޅުމުގެ ސަބަބުން ލިބުނު ތިން ޕޮއިންޓްކަމަށެވެ. ލީގުގައި ވާދަކުރާ އަތޮޅު ތެރޭގެ ޓީމްތަކަށް، މާލޭގެ ޓީމްތަކުން އިހުތިރާމް ކުރަންޖެހޭކަމަށް މޫސާ ނަސީމް ވަނީ ބުނެފައެވެ.

" މިލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް. ލީގުގައި ކުރިއަށް ދިއުމަށް ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ މިތިން ޕޮއިންޓުން. އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، އަތޮޅު ތަކުގެ ޓީމްތަކަށް ކުރާ އިހުތިރާމް ކުޑަކަން. މާލޭގެ ޓީމްތަކުން މިކަމަށް މިއަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ. ހާއްސަކޮށް އަތޮޅު ތަކުގެ ޓީމްތަކުންވެސް ކުޅެނީ މޮޅުވާން، އެޓީމެއްގެ ފެންވަރުން." މޫސާ ނަސީމް ބުންޏެވެ.

ތިމަރަފުށީގެ މެނޭޖަރ އިބްރާހިމް ސަނާހު ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަންކަމަށާއި، ތިން ޕޮއިންޓް ނުލިބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެންކަމަށެވެ. އަދި މެޗުގައި ނަސީބުވެސް އެހީ ނުވިކަމަށް ސަނާހު ބުންޏެވެ. ރެފްރީން މިއަށް ވުރެ ބޮޑަށް ޕްރޮފެޝަނަލް ވާންޖެހޭކަމަށްވެސް ސަނާހު ބުންޏެވެ.

"މެޗްގައި ނަސީބުވެސް އެހީނުވީ، ކުޅުންތެރިން ވަރަށް މަސައްކަތްކުރި. ނިންމާލުމުގައި އެބައުޅޭ މައްސަލަތައް. އެކަން އެބަޖެހޭ ރަނގަޅު ކުރަން. މެޗްގައި ރެފްރީންވެސް އެބަޖެހޭ މިއަށް ވުރެ ބޮޑަށް ޕްރޮފެޝަނަލްވާން. މިވާހަކަ ވަރަށް ގިނަ ކޯޗުންވެސް ދައްކާފަވަނީ، އެކަމަކު މިއަށް އެއްވެސް ހައްލެއް އަންނަތަނެއް ނުފެނޭ. ކަނޑައެޅިގެން މެޗު ލަސްކުރާއިރުވެސް ރެފްރީ ހުންނަނީ ހަމަ ބަލަހައްޓައިގެން." މެޗަށްފަހު ސަނާހު ބުންޏެވެ.