ވިޔަފާރި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ސެޕްޓެމްބަރ މަހު





 


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ކޯޕަރޭޓް ލޯނު ބެންކް އޮފް ސިލޯނުން އަންނަ ހަފްތާ ތެރޭ ހަމަޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ ޗެއާރމަން ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.


 
ހުޅުމާލޭގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތަށް ފަހު ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒިއަތު ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ލޯނު ހަމަޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރި ނަމަވެސް ލޯނު ލިބުން ލަސްވެގެން ދިޔައީ ސަރުކާރު ބަންދު ދުވަސްތަކެއް ދިމާވުމުގެ ސަބަބުން ބޭންކް އޮފް ސިލޯނުގެ ބޯޑު ބައްދަލުވުމެއް ނުބޭއްވިގެން ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭ ބޯޑުގެ ބައްދަލުވުން ބޭއްވި ލޯނު ހަމަޖެހިގެން ދާނެކަމަށް ޒިއަތު ވިދާޅުވިއެވެ.


 
އެގޮތުން އަންނަމަހު ކުރީކޮޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިގަނެ ވޭނެ ކަމަށް ޒިއަތު ވިދާޅުވިއެވެ.


 
ދެވަނަ ފިޔަވަހީގައި ހިމެނޭ ބިންހިއްކުމުގެ މަސައްކަތް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް ކުންފުންޏާއި ހަވާލުކޮއްފައި ވަނީ 50 މިލިއަން ޑޮލަރަށެވެ.


 
މި ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ އުތުރުން ފަރުކޮޅުފުއްޓާ ދިމާއިން ދުއިސައްތަ ސާޅީސް ހެކްޓަރެވެ. މިއީ އެއްލައްކަ މީހުންގެ އާބާދީ އަކަށް އުޅެވޭނެ ހެން ތަރައްޤީކުރަން ހަމަޖެހިފައިވާ ސަރަހައްދެއް ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވައެވެ.


 
 


މީގެ އިތުރުން ޔޮޓް މެރީނާއަކާއި ކްރޫޒް ޓަރމިނަލެއްވެސް މި ސަރަހައްދުގައި ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.