ޚަބަރު

އިދިކޮޅު ފަރާތްތަކުން ވިލާތުގެ އިއްތިޙާދުގައި އެދިގެން، ރާއްޖެއަށް ފިޔަވަޅު އަޅަން ކުރި މަސައްކަތް ނާކާމިޔާބު


ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ދެ މަހެއްހައި ދުވަހަށް ކައިރިވެފައި ވަނިކޮށް، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުން ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސައްކަތްކުރީ ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވައިލެވިގެން ތިބި ސަރުކާރާ އިދިކޮޅު ފަރާތްތައް އެކަމަށް އެދުމުގެ ސަބަބުންނެވެ.

ސަރުކާރާ އިދިކޮޅަށް އެކުލަވާލައިގެން އުޅޭ ކޯލިޝަންގައި އިސްކޮށް މަސައްކަތްކުރައްވާ އެކި ބޭފުޅުން މިދިޔަ ދެމަހެއްހައިދުވަހު ވިލާތުގެ އެކި ޤައުމުތަކަށް ދަތުރުކުރައްވައި، ވިލާތުގެ އިއްތިޙާދުގެ އެކި ފެންވަރުގެ ވެރީންނާ ބައްދަލުކުރައްވައި، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިދިނުމަށް ދިޔައީ ތަކުރާރުކޮށް އާދޭސް ދަންނަވަމުންނެވެ. ރާއްޖެއަކީ އެއްވެސް އަމާންކަމެއް ނެތް ވަރަށް އަނިޔާވެރި ތަނެއްގެ ގޮތުގައި އެބޭފުޅުން ގެންދެވީ ވިލާތުގެ ޤައުމުތަކަށް ރާއްޖެ ސިފަކޮށްދެއްވަމުންނެވެ. ރާއްޖޭގެ ތަޞައްވުރު ކިލަނބުކޮށް، ރާއްޖޭގެ އަގުވައްޓައިލުމަށް މި މޭރުމުން މި ބޭފުޅުން ވާހަކަދައްކަވާއިރު، ރާއްޖެއަށް އަންނަމުންދާ އިޤްތިޞާދީ ކުރިއެރުމާއި، ތިޔާގިކަމާއި، އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ އެއްވެސް ވާހަކައެއް ދައްކަވާކަށް ކެރިވަޑައެއްނުގަންނަވައެވެ.

ރިޔާސީ އިންތިޚާބު މިހާ ގާތްވެފައި ވަނިކޮށް، އަދި ކެންޑިޑޭޓުން ކެމްޕޭންވެސް ފަށްޓަވާފައިވަނިކޮށް، ރާއްޖެއާމެދު ފިޔަވަޅު އަޅަން ޔޫރަޕްގެ ޤައުމުތަކުގައި އިދިކޮޅު ކޯލިޝަނުން އާދޭސް ދެންނެވުމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތަކެއްވާނެ ކަމަށް ބެލެވެއެވެ. މިގޮތުން، ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާ، ދިވެހި ސަރުކާރު ހިންގަވަން ތިއްބެވި އިސްވެރީންގެ އަގު ވައްޓާލައި، ބަދުނާމުކޮށް، ދިވެހި ބޮޑެތި ވިޔަފާރިވެރީންނަށް ބިރު ދައްކާނެ މަގެއް ފަހިކުރުމެވެ. ޔޫރަޕްގެ މިފަދަ ކޮންމެ ނިންމުމަކާއެކު އެންމެ ފުރަތަމަ ޕްރެޝަރުކުރާނީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހީން އުޅުމުގެ މިނިވަންކަން ދިނުމާ، އެއްޖިންސުން ކައިވެނިކުރުން ރާއްޖޭގައި ހުއްދަކުރުން ފަދަ ކަންކަމަށްކަން އިދިކޮޅު ކޯލިޝަނަށް އެނގޭތީ، އެކަމަށް ހިތްވަރުދިނުމެވެ. މިއީ މި ރޭވުމުގެ ފަހަތުގައި އޮންނާނެ މައިގަނޑު ތިން ސަބަބުކަމަށް ބެލެވެއެވެ. އިދިކޮޅު ކޯލިޝަނުން އެދުނު ގޮތަށް ޔޫރަޕުގެ އިއްތިޙާދުން ކަންކަން ނިންމައިނުދިންކަން މީޑިއާއަށް ހާމަވިތާ މާގިނަ އިރެއް ނުވެ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ރިޔާސީ ކެމްޕޭން ވަގުތީގޮތުން މެދުކަނޑުއްވާލައްވައި، ވަޑައިގަންނަވާ ވަކި ޤައުމެއް އިޢުލާނުކުރެއްވުމެއްނެތި ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފައެވެ.

ރާއްޖެއާ މެދު ފިޔަވަޅު އަޅަން ފެނޭތޯ ބަލަން ޔޫރަޕުގެ އިއްތިޙާދުގެ ބައްދަލުވުމުގައި އެޖެންޑާކުރީއްސުރެ އިދިކޮޅު ކޯލިޝަނުންނާ އެ ކޯލިޝަންގެ ފިކުރު ފަތުރާ މީޑިއާތަކުން ބުނަމުން އައީ، މި ފަހަރު ސަރުކާރު ހިންގަން ތިބި އިސްވެރީންނާ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރީންގެ ލިސްޓެއް ޔޫރަޕުގެ އިއްތިޙާދުން ނެރި، އެ ފަރާތްތައް ޔޫރަޕަށް ދަތުރުކުރުން މަނާކޮށް، ޔޫރަޕުގައި މުދަލެއް ހުރިނަމަ އެ މުދާވެސް ހިފަހައްޓާނެކަމަށެވެ. މިފަދަ އެއްވެސް ފިޔަވަޅެއް ޔޫރަޕުގެ އިއްތިޙާދުން މިއަދު ނޭޅުމުން މިހާރު އިދިކޮޅު ފަރާތްތަކުން ބުނަނީ މިއަދު ފިޔަވަޅު އަޅާނެގޮތުގެ އޮނިގަނޑެއް ފާސްކުރަން އެއްބަސްވެއްޖެ ކަމަށާއި، ފިޔަވަޅު އަޅަން ދެން ހުރަހެއް ނެތްކަމަށެވެ.

ޔޫރަޕްގެ އިއްތިޙާދަކީ އިސްލާމްދީނާ އިދިކޮޅު ލާދީނިއްޔަތާ ޢަލްމާނިއްޔަތުގެ ފިކުރަށް ބަރޯސާވާ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ މަޝްވަރާގެ މޭޒަށް ރާއްޖޭގެ މައްސަލަ ގެންނަ މައިގަނޑު ސަބަބަކީ، ރާއްޖޭގައި ހުރިހާ ދީންތަކަށް އުޅުމުގެ މިނިވަންކަން ނެތުމާއި، އެއްޖިންސުން ކައިވެނިކުރަން ހުއްދަދީފައި ނެތުމާއި، އިސްލާމީ ޝަރީޢަތް ރާއްޖޭގައި ހިންގުމެވެ. މިއީ ރާއްޖޭގެ މައްސަލައިގައި ޔޫރަޕުގެ އިއްތިޙާދުން މަޝްވަރާކުރާއިރު އަބަދުމެ ތަކުރާރުކުރާ ވާހަކަތަކެކެވެ. އޭގެ އިތުރުން ދެން އެދެނީ، އެކިއެކި ކުށްކުށުގައި ޙުކުމްކޮށްފައި ތިބި ވަކި ބަޔަކު ދޫކޮށްލުމަށެވެ.

ރާއްޖޭގެ މި މައްސަލަތަކާމެދު ޔޫރަޕުގެ އިއްތިޙާދުން މިދަރަޖައަށް ކަންބޮޑުވާއިރު، މިހާރުވެސް ފަލަޞްޠީނަށް ޙަމަލާދީ އެތައް މުސްލިމެއްގެ ލޭ އޮހޮރުވައި ޢާއިލާތަކާ ކުޑަކުދީން ބިކަކުރަމުން އެބަދެއެވެ. ސޫރިޔާގައި އެތައް ހާސް މުސްލިމަކު ގެދޮރުގެއްލި ހަނގުރާމައިގެ ބިރުވެރިކަމާ ނުރައްކާ އެބަ ތަޙައްމަލުކުރެއެވެ. އަވަށްޓެރި އިންޑިއާގައި އެއްވެސް ރަޙުމެއްނެތި ކުޑަކުދީންގެ ޢިއްފަތްފޭރި ރޭޕްކުރުމުގެ ސިލްސިލާ ކުރިއަށް އެބަދެއެވެ. ކަޝްމީރުގައި އެތައް މުސްލިމެއްްގެ ހައްޤު ނިގުޅައިގަނެވެމުން އެބަދެއެވެ. މިކަންކަންކަމަކީ، ޔޫރަޕުގެ އިއްތިޙާދަށް ބޮޑެތި ކަންކަމަކަށް ނުވެއެވެ. މަޝްވަރާކޮށް ފިޔަވަޅު އަޅަންޖެހޭ ކަންކަމަކަށްވެސް ނުވެއެވެ.

މީ ދުނިޔޭގައި މިއަދު އިންސާފާ ޑިމޮކްރަސީގެ ނަން ބޭނުންކޮށްގެން ބޮޑެތި ބާރުތަކުން ކަން ކުރަމުންދާ ގޮތެވެ. ރާއްޖެ އަކީ ކުޑަ ޤައުމަކަށް ވީމާ، އަދި ދިވެހީންގެ ދީނަކީ ހަމައެކަނި އިސްލާމްދީނަށް ވީމާ، ރާއްޖޭގެ މައްޗަށް ފާވެ، ބިރުދައްކައި، ޔޫރަޕުގެ އިއްތިޙާދުން އެދޭގޮތަށް ރާއްޖޭގެ ކަންކަން ބައްޓަންކޮށް އަޅުވެތިކުރަން މަޖުބޫރުކުރުވުމަށް ބަޔަކު މިދަނީ މަސައްކަތްކުރަމުންނެވެ. މިކަމުގެ ފަހަތުގައި ތިއްބެވީތީ ފެންނަނީ ބަނގުރާ ބުއިމަށް ހިތްވަރުދީ، ޤުރުއާނާ ސުންނަތް ނޫން އެހެން ޙައްލެއް ހޯދަން ޖެހޭނެކަމުގެ ލާދީނީ ފިކުރަށް ވަކާލާތު ކުރައްވާ ދިވެހި ސިޔާސީ ބައެއް ލީޑަރުންނެވެ.
އެބޭފުޅުން މީގެ ކުރީން ވެރިކަން ކުރެއްވި ތިން އަހަރު ޔޫރަޕުގެ ގިނަ ޤައުމުތަކަށް ދަތުރުކުރެއްވިއެވެ. ދިވެހި ރައްޔިތުންނަށް އެހީވުމަށް އަދި ރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް ވަރަށް ގިނަ ކަންކަން ޔޫރަޕުގެ ޤައުމުތަކަށް ހުށަހެޅުއްވިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެދެވޭ އިޖާބައެއް އެ ތިން އަހަރަކުވެސް ޔޫރަޕަކުން ނުދިނެވެ. ޔޫރަޕުގެ އިއްތިޙާދުން އޭރުވެސް ދައްކަނީ މައިގަނޑު އެއް ވާހަކައެކެވެ. އެއީ، ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމާއި، އެއް ޖިންސުން ކައިވެނިކުރަން ހުއްދަ ނެތުމާއި، އަދި އިސްލާމީ ޝަރީޢަތް ރާއްޖޭގައި ހިނގުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެކަންކަން އެނޫން ގޮތަކަށް ބަދަލުކޮށްދޭ ސަރުކާރަކަށް ޝަރުޠުތަކަކާއެކު ޔޫރަޕުގެ އިއްތިޙާދުގެ އެހީތެރިކަން ދެވިދާނެކަމަށެވެ.