ޚަބަރު

ލޯފަން ކުދިންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމަށް ކޯހެއް ފަށައިފި


ލޯފަން މީހުންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމަށް ކޯހެއް ފަށައިފިއެވެ. ދިވެހި ބަހުގެ އެކަޑެމީގައި ބޭޭއްވި ރަސްމިއްޔާތެއްގައި މި ކޯސް ފަށްޓަވާދެއްވީ އެ އެކަޑެމީގެ ރައީސް އަޝްރަފް އަލީއެވެ. ތާނަ ބުރެއިލްގެ ނަމުގައި ކުރިއަށް ގެންދާ މި ކޯހުގެ މުއްދަތަކީ އެއްމަސްދުވަހެވެ.

މި ކޯހުގައި ކިޔަވައިދޭނެ ފޮތްތައް ތައްޔާރުކޮށް މިކޯހުގައި ކިޔަވައިދެއްވަނީ ޢަހުމަދު ރަޝީދު އަބްދުލް ޤާދިރެވެ. ކޯހާބެހޭ މަޢުލޫމާތު ދެއްވަމުން އަޙުމަދު ރަޝީދު ވިދާޅުވީ މި ކޯހުގެ މުއްދަަތަކީ 1 މަސްދުވަހަށް ވީނަމަވެސް ކުދިންގެ ތޫނުފިލިކަމަށްބަލާ މިމުއްދަތަށްވުރެ އަވަހަށްވެސް ކޯސް ނިމުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި މިފަދަ އެހެން ކޯސްތައްވެސް ކުރިއަށް ރާވާފައިވާކަމަށާއި، އުންމީދަކީ ރާއްޖޭގައި ތިބި ލޯފަން ހުރިހާ މީހުންނާ، ކުދިންނަކީ ތާނައިން ލިޔަން ކިޔަން އިނގޭ ބަޔަކަށް ހެދުންކަމަށެވެ.

މި ކޯސް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، މިމަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ލޯފަން ކުދިންނާ މީހުންނަށް ތާނަ އޭގެ އަސްލުގެގޮތުގައި އެ އިހުސާސުތައް އެމީހުންގެ ސިކުނޑިއަށް ގެނެސްދިނުން ކަމަށެވެ.

މި ކޯސް ފުޅާކުރުމުގެ ގޮތުން ދިވެހި ބަސް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އިތުރުން ދިވެހި ބަހުގެ ޤަވާއިދުތަށްވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ. ތާނަ ބެރެއިލްއަކީ ދިވެހި ބަހަށް ގެނެވުނު އާ އީޖާދެކެވެ.