ޅ.އަތޮޅު ނައިފަރު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. ނައިފަރުގެ ބަނދަރުގެ މަސައްކަތްކުރި އެމް.ޓީ.ސީ.ސީން ބުނީ އެރަށު ބަނދަރުގެ މަސައްކަތް މިމަހުގެ 12 ވަނަ ދުވަހު އެއްކޮށް ނިމިފައިވާކަމަށެވެ.
ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ނައިފަރުގައި ކުރިން ބޭނުންކުރި ބަނދަރާއި އަލަށް ހެދި ބަނދަރު ގުޅުވާލުމާއެކު ދެ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރިޔަށްގެންދިޔައެވެ. އަދި ދެވަނަ ފިޔަވަހީގައި ކުރިން ބޭނުންކުރަމުން އައި ބަނދަރުގެ ބޭރު ތޮށިގަނޑު ހިލަ ތޮށްޓަށް ބަދަލުކުރުމާއެކު، އަލަށް ހެދި ބަނދަރު ގުޅުވާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ކުރިން ނައިފަރުގައި އޮތީ 350 ފޫޓު ފުޅާ އަދި 800 ފޫޓު ދިގު ބަނދަރެކެވެ. މިހާރު ބަނދަރުގެ ބޮޑުމިނުގައި 240 މީޓަރު ހުރެއެވެ. އަދި 758 މީޓަރުގެ އެއްގަމު ތޮއްޓަކާއި 783 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްވެސްވަނީ ލާފައެވެ. ބަނދަރުގެ ދެވަނަ ފިޔަވަހީގައި ކުރިން އޮތް ބަނދަރުގެ ބޭރު ތޮށިގަނޑު ހިލަ ތޮށްޓަށް ބަދަލުކުރުމާއި، އަލަށް ހެދި ބަނދަރު ގުޅުވާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަލަށް ތަރައްޤީކޮށްފައިވާ ނައިފަރު ބަދަރުގައި 61 މީޓަރުގެ ޕޭވްމަންޓެއްވެސް ވަނީ ހަދާފައެވެ. އަދި އެ ސަރަޙައްދު އަލިކުރުމަށްޓަކައި 38 ހާބަރ ލައިޓްސް ވަނީ ހަރުކޮށްފައެވެ.
ނައިފަރު ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. އެމްޓީސީސީން ބުނީ މަސައްކަތް ނުނިމި ދިގުދެމިގެންދިޔައީ ކުރީގެ ބަނދަރާއި އަލަށް ހެދި ބަނދަރު ގުޅާލުމާއި ބަނދަރު ތަރައްޤީ ކުރުމަށް އެކި ކަހަލަ މަސައްކަތްތައް ކުރަންޖެހުމުގެ ސަބަބުންކަމަށެވެ.
ސަރުކާރުގެ ބަޖެޓުން 74 މިލިއަންނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއާއެކު އެރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ހައްލެއް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.