ގދ.ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓުގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، ސަރުކާރުން ފަރެސްމާތޮޑާގައި ތަރައްޤީ ކުރަން ނިންމާފައިވާ އެއާޕޯޓް އެޅުމަށް ބިން ހިއްކުމަށް ބޭނުންވާނެ ސާމާނު އެރަށަށް ފޮނުވީ ރޭގެ ވަގުތެއްގައިކަމަށެވެ.
ފަރެސްމާތޮޑާގައި ތަރައްޤީ ކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ގަލްފް ކޮބްލާއާއެވެ.
ޖޫން މަހުގެ 3 ވަނަ ދުވަހު މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2.5 މިލިއަން ޑޮލަރަށެވެ. ގަލްފް ކޮބްލާއިން ބިން ހިއްކުމުގެ މަސައްކަތް ކުރިނަމަވެސް ބިން ހިއްކުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެނީ އެމްޓީސީސީންނެވެ.
ފަރެސްމާތޮޑާގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، އެރަށުގައި ތަރައްޤީ ކުރަނީ 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާއި އޭޕްރަންއެއް އަދި ޕެސެންޖަރު ޓާމިނަލްއެކެވެ.
ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއާޕޯޓުގެ ސަބަބުން ގދ. އަތޮޅަށް ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށާ، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން މުޅި އެ ސަރަޙައްދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި މި ސަރުކާރުން އަތޮޅުތަކުގައި އެއާޕޯޓް ތަކެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، މިކަން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާއަށް އިންޤިލާބެއް ގެނުވާނެ މަސައްކަތްތަކަކަށެވެ.