ޚަބަރު

އެމްޑީޕީގެ ތެރެއިން އައު ޕާޓީއެއް - މިވަނީ ކީއް؟


މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީގެ ނަމުގައި އައު ސީޔާސީ ޕާޓީއެއް އުފެއްދުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. އިތުބާރު ހުރި މަޞްދަރުތަކާ ޙަވާލާދީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިޕާޓީ އުފެއްދުމަށް ހުށަހެޅުއްވުމުގައި އިސްވެ ތިއްބެވީ އިދިކޮޅު މައިޕާޓީ އެމްޑީޕީގައި ޢަމަލީގޮތުން މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުންނެވެ.

މި ޕާޓީ އުފެއްދެވުމުގައި އިސްވެ އުޅުއްވާ ބޭފުޅެއްގެ ޙައިސިއްޔަތުން މީޑިއާއަށް މަޢުލޫމާތު ދެއްވި ޤާނޫނީ ވަކީލް ޢަބްދުﷲ ހަސީނަކީ، އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ އިތުރަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހްގެ އުފަންރަށް ޅ.ހިންވަރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް މުޙައްމަދު ޞާލިޙާ ޢާއިލީ ގޮތުން ގާތްކަމެއް އޮތުމުގެ އިތުރަށް ޢަބްދުﷲ ޙަސީނަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކުގައި ފާދިއްޕޮޅު ގޮނޑިއަށާއި، ހިންނަވަރު ދާއިރާގެ ގޮނޑިއަށް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެމްޕޭން ކޮށްދެއްވުމުގައި ވަރަށް އިސްކޮށް މަސައްކަތްކޮށްދެއްވާފައިވާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަރަށް އަރިސް ބޭފުޅެކެވެ.

އަލަށް އުފައްދަން ހުށަހަޅާފައިމިވާ ސިޔާސީޕާޓީއާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއަށް ދެއްވި ބައެއް މަޞްދަރުތަކުން ބުނާގޮތުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގާތް ބައެއް ބޭފުޅުންނާއި އެމަނިކުފާންގެ އުފަންރަށް ޅ.ހިންނަވަރަށް ނިސްބަތްވާ ބައެއް ބޭފުޅުން މި ޕާޓީ އުފެއްދުމުގެ ކަންކަމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ނުކުމެވަޑައިގެން އިބްރާހީމް މުޙައްމަދު ޞާލިޙް ކެމްޕޭންކުރައްވަމުން ގެންދަވާ މި ދަނޑިވަޅު، އެ މަނިކުފާނާ ސިޔާސީގޮތުންނާއި ޢާއިލީގޮތުން ގާތް ފަރާތްތަކަކުން އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މި މަސައްކަތްކުރާ ސަބަބާ މެދު ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އެމްޑީޕީގެ ނޫފޫޒު ހުރި ބައެއް ފަރާތްތަކުގެ ސިޔާސީ ފިއްތުންތަކުން ސަލާމަތްވެވަޑައިގެން ސިޔާސީ ކުރިމަގު ވަކިން ބިނާކުރެއްވުމަށް، އިބްރާހީމް މުޙައްމަދު ޞާލިހް ކުރައްވާ އުންމީދެއްގެ ފެށުން ކަމަށްވެދާނޭކަމަށެވެ.

އަދި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރާއްޖޭގެ ވެރިކަމާ ހަމަޔަށް ވަޑައިގެންނެވުމުގެ ފުރުޞަތު އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފިނަމަ، ސީދާ އެމަނިކުފާނުގެ އަމިއްލަފުޅު ކޮންޓްރޯލް އޮތް ސިޔާސީ ޕާޓީއެއްގެ ވާގިވެރިކަން ހޯއްދެވުމުގެ ދުރުރާސްތާ ޕްލޭނެއްވެސް މިކަމުގެ ފަހަތުގައި އޮތުން އެކަށީގެންވާކަމަށެވެ.

ރިޔާސީ އިންތިޚާބެއްގެ މި ދަނޑިވަޅު، އެމްޑީޕީގައި މަސައްކަތްކުރައްވާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ގާތްކަންހުރި ފަރާތްތަކަކުން އެ ޕާޓީއާ ފެޔަށްޖެހި، ސިޔާސީ އައު ފިކުރެއް އުފަންކުރަން މަސައްކަތްކުރުމުގެ މާނައަކީ، އެމްޑީޕީގެ އެތެރޭގައި އަދި އިދިކޮޅު ކޯލިޝަންގެ އެތެރޭގައި ބޮޑު ނުތަނަވަސްކަމެއް އޮތުން ކަމަށާ، ރިޔާސީ ކެންޑިޑޭޓަށްވެސް ފިއްތުންތަކެއް ހުރުންކަމަށްވުން އެކަށީގެންވާ ކަމަށްވެސް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.