ޚަބަރު

އެމްއެމްއައިއިން ފުވައްމުލަކުގައި ހިންގި ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްޖެ


އައްޑޫއާއި ފުވައްމުލައް ސިޓީއަށް ހުޅުވާލައިގެން، މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށް ގެންދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ.

މީޑިޔާއާއި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން، ފުވައްމުލަކު މީޑިޔާ ސެންޓަރުންގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 12 ޒުވާނުން ބައިވެރިވެ ތަމްރީން ފުރިހަމަކުރިއެވެ. ޖަނަލިޒަމް އެންޑް މީިޑިޔާ ޓްރޭނިންގ ޕްރޮގްރާމްގެ ނަމުގައި 6 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީންގައި، ކެމެރާކުރުމާއި ވީޑިއޯ އެޑްޓްރުކުރުމާއި ހުށެހެޅުންތެރިކަމާއި ޚަބަރު ލިޔުން ފަދަ މުހިއްމު ހުނަރު ކިޔަވައިދިނެވެ. ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވީ މީޑިޔާއާއި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

އަދި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންވަނީ އަމަލީ ގޮތުން ހުނަރު ބޭނުންކުރާނެ ގޮތް ދަސްކޮށް، ޚަބަރާއި ރިޕޯޓްތައް އުފައްދާ ހުށަހަޅާފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ދަރިވަރުންނަށް ޕީއެސްއެމްގެ ނިއުސް ޓީމާގުޅިގެން، ފުވައްމުލައް ސިޓީގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެކަމަށް އެމްއެމްއައިއިން ބުނެއެވެ.

މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މީޑިޔާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭއްވި ޕްރޮގްރާމެކެވެ. އެގޮތުން އެމްއެމްއައިއިން ދަނީ ނޫސްވެރިކަމާއި މިޑީޔާގެ ތަފާތު ދާއިރާތަކާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގަމުންނެވެ. މީގެ ތެރޭގައި އެމްއެމްއައިއާއި މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ހިމެނެއެވެ.