ޚަބަރު

ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމަނަނީ


ގޫގުލް ޓްރާންސްލޭޓް ޚިދުމަތުގެތެރޭގައި ދިވެހި ބަސް ހިމެނުމަށް މަސައްކަތް ކުރަމުންދާކަަމަށް ދިވެހި ބަހުގެ އެކެޑަމީއިން ބުނެފިއެވެ. މި މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތް ކުރަނީ ދިވެހި ބަހުގެ އެކެޑަމީން މިކަމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީއަކާއި، ސްރީލަންކާގައި "ލެންގުއޭޖް ކޯޕަސް" އާއި އިންފޯރމޭޝަން ޓެކްނޮލޮޖީއާއި ގުޅޭގޮތުން ކިޔަވަމުންދާ ދަރިވަރިވަރަކާއި ގުޅިގެންނެވެ.
ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމެނުމުން، ދިވެހި ލަފުޒުތައް، އެހެން ބަސްބަހުގައި އެ މާނަ ދޭހަވާ ބަސްތަކަށް ބަދަލުކުރެވޭނެއެވެ.
ލިޔެފައި އޮންނަ ބަހުގެ އިތުރުން ބަސް ކިޔާ ގޮތްތައް އަޑުއެހުމުގެ ފުރުސަތުވެސް މި ޚިދުމަތުގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރަމުންދާކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރަޢީސް އަޝްރަފް އަލީ ވިދާޅުވިއެވެ. މިހާރުވެސް ގޫގުލް ޓްރާންސްލޭޓްގައި 500 ބަސް ޓެގްކޮށްފައިވާއިރު، މި ޚިދުމަތް ފަށާނީ ދިހަހާސް ދިވެހި ލަފްޒާއި އެކުކަމަށާއި އެންމެ ފުރަތަމަ ޓެގް ކުރުމަށް އިސްކަން ދީފައިވަނީ އާއްމުކޮށް ދިވެހިބަހުން ވާހަކަދައްކަން ބޭނުންކުރާ ފަސޭހަ ބަސްތައްކަމަށްވެސް އަސްރަފު ވިދާޅުވިއެވެ.

ގޫގްލް ޓްރާންސްލޭޓްގައި ދިވެހިބަސް ހިމެނުމުގެ އިތުރުން "ސްޕެލް ޗެކަރ" ނުވަތަ "ލިޔަކުރު އިސްލާހް"އެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަޝްރަފް ވިދާޅުވީ މި ދެ ޚިދުމަތުގެ ސަބަބުން ދިވެހި ބަހާއި ދިވެހި ބަހުގެ ޤަވައިދުތައް ދިރުވައި ޢާލާކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށެވެ. އަދި ބަސްލިޔުމުގައި ތިކިޖެހިތާނައާއި، ސުކުންޖެހުމާއި، ޤަވައިދުތަކާއި ދަރަޖަތައް ރަނގަޅުގޮތުގައި ބޭނުންކުރެވިގެންދާނެކަމަންވެސް އަޝްރަފު ވިދާޅިވިއެވެ.

މި ޚިދުމަތް ފަށާއިރު ދިހަހާސް ބަހާއިއެކު ފެށިނަމަވެސް، މި ޚިދުމަތައް އިތުރު ބަސްތައް އިތުރުކުރާނެ ކަމަށް ބަހުގެ އެކަޑަމީން ބުނޭ. މި މަސައްކަތުގެ ދަށުން 1.3 މިލިއަން ދިވެހި ލަފްޒް އެއްކުރެވިފައިވާކަމަށާއި ފުރަތަމަ ދިހަހާސް ބަސް ކުރިއަށް އޮތް ދޮޅުއަހަރާއި ދެއަހަރުގެ ތެރޭގައި ޓެގްކޮށް ބޭނުންކުރަން ފަށާނެކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

ގޫގުލް ޓްރާންސްލޭޓް އަކީ މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ވާހަކަދައްކަން ބޭނުންކުރާ ސަތޭކައަށްވުރެ ގިނަ ބަސް، އެއްބަހުން އަނެއްބަހަށް ބަދަލުކުރުމަށް ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. މި އެޕްލިކޭޝަން ޚާއްސަކޮށްފައިވަނީ އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ ފަރާތްތަކަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ޢާއްމުދިރިއުޅުމާއި ތަޢުލީމު ލިބުމުގައިވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ގޫގުލް ޓްރާންސްލޭޓްގެ ޚިދުމަތް ދުވާލެއްގެ މައްޗައް 500މިލިއަން މީހުން ބޭނުންކުރޭ.