ކުޅިވަރު

ފަހު ގޮތް ނިންމާނީ ޗެލްސީން، ދާނީ ރެއާލްއަށް - ހަޒާޑް


ޗެލްސީން ބޭނުން ނުވާނަމަ ކުލަބު ބަދަލުކުރަން ތައްޔާރަށް ހުރި ކަމަށާއި އޭނާ ދާން ބޭނުންވަނީ ރެއާލް މެޑްރިޑަށް ކަމަށް މިޑްފީލްޑަރު އެޑެން ހަޒާޑް ބުނެފިއެވެ.

ބެލްޖިއަމްގެ ކެޕްޓަން މިހެން ބުނީ ވޯލްޑް ކަޕުގެ ތިން ވަނަ ބެލްޖިއަމަށް ހޯދައިދިން މެޗަށް ފަހު ނޫސްވެރިންނާ ރޭ ވާހަކަ ދައްކަމުންނެވެ.

"ކާމިޔާބު ހަ އަހަރު ޗެލްސީގައި ހޭދަކުރުމަށްފަހު އެހެން ކަމެއް ކުރަންވީ ވަގުތު ކަމަށް ވެދާނެ މިއީ. އަހަރެން މިހުރީ ކުލަބު ބަދަލު ކުރަން ޗެލްސީން ބޭނުންނުވާނަމަ. އެކަމަކު އެންމެ ފަހު ގޮތް ނިންމާނީ ޗެލްސީން،" ހަޒާޑް ބުންޏެވެ.

"އެންމެނަށް ވެސް އެނގޭނެ އަހަރެން ދާނީ ކޮން ތަނަކަށްކަން. އެއީ ސިއްރެއްނޫން. އަހަރެން ބޭނުންވާގޮތް ކުރިން ވެސް އޮތީ ހާމަކޮށްފައި،" ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފައިވާ ކުޅުންތެރިޔާ ބުންޏެވެ.

ޔޫރަޕުގެ ޗެމްޕިއަން ސްޕޭނުގެ ރެއާލް އިން ހަޒާޑް ގަތުމަށް 150 މިލިއަން ޕައުންޑް ހުށަހަޅާނެ ކަމަށްވެ އެވެ. އަދި ރެއާލްއާ ވާދަވެރި ބާސެލޯނާއިން ވެސް ދަނީ ހަޒާޑް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.